ފުލުގައި އޮތް ސައުތެމްޕްޓަންއިން ސިޓީ ހިފަހައްޓާލައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފުލުގައި އޮތް ސައުތެމްޕްޓަންއިން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓާލައިފިއެވެ. ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މެޗުގެ ބޮޑުބައި ސިޓީން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް އެ ޓީމަށް ސައުތެމްޕްޓަންގެ ޑިފެންސް ފޫއަލުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގައި ސިޓީން ވަނީ 26 ހަމަލާ އުފައްދާފައެވެ. އަނިޔާއިން އެނބުރި އައިސް ސިޓީގެ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑް ކުޅުނު ނަމަވެސް އޭނާއަށް ވެސް ސައުތެމްޕްޓަންގެ ޑިފެންސް ފޫއަޅުވާލުމުގައި ކުރިއެރުމެއް ނުލިބުނެވެ. ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން މާރަނގަޅު ހަމަލާއެއް އުފެއްދި ތަން ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ގެނައި ބަދަލުތަކާ އެކު އެ ޓީމުގެ ހަމަލާތައް ވަރުގަދަ ވިތަން ފެނުނެވެ. މެޗު އެއްވަރުވުމުން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ސިޓީން ކުރާ މަސައްކަތަށް މިވަނީ އިތުރު ބުރަކަމެއް އައިސްފައެވެ. މެޗު ކާމިޔާބުކުރެވުނު ނަމަ ސިޓީއަށް ދެވަނައިގައި އޮތް އާސެނަލާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރެވުނީހެވެ. އެކަމަކު، މެޗު އެއްވަރުވުމުން ސިޓީ މިހާރު އޮތީ 65 ޕޮއިންޓާ އެކު ތިންވަނައިގައެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ސައުތެމްޕްޓަންއިން މިވަނީ ބޮޑު ލަދަކުން ސަލާމަތްވެފައެވެ. އެއީ، އެންމެ މަދު ޕޮއިންޓާ އެކު ސީޒަނެއް ނިންމާލާ ޓީމަށްވުމުގެ ރިކޯޑުން ސަލާމަތްވުމުންނެވެ. ސައުތެމްޕްޓަން އެންމެ ފުލުގައި މިހާރު އޮތީ 12 ޕޮއިންޓާ އެކުއެވެ. އެންމެ މަދު ޕޮއިންޓާ އެކު ޕްރިމިއާ ލީގު ނިންމާލާފައިވަނީ 2007-2008 ވަނަ ސީޒަންގައި ޑާބީ ކައުންޓީއެވެ. އެއީ، 11 ޕޮއިންޓެވެ. މި މުބާރާތުގައި އެސްޓަން ވިލާއާއި ބޯންމޯތު ބައްދަލުކުރި މެޗު ރަށުން ބޭރުގައި 1-0 އިން ކާމިޔާބުކޮށްފައިވަނީ ވިލާއެވެ. ވިލާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮލީ ވޮޓްކިންސްއެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި ވިލާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވެފައެވެ. އޭނާ މިހާރުވަނީ ވިލާއަށް ލީގުގައި 75 ލަނޑު ކާމިޔާބުކޮށްދީފައެވެ. ކުރިން މި ރިކޯޑު އޮތީ 74 ލަނޑާ އެކު ގެބީ އެގްބޮންލަހޯ އަތުގައެވެ. މި ކާމިޔާބީއާ އެކު ވިލާ މިހާރު ވަނީ 63 ޕޮއިންޓާ އެކު ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. ބޯންމޯތު އޮތީ 53 ޕޮއިންޓާ އެކު 10 ވަނައިގައެވެ. މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު ބްރައިޓަން އެންޑް ހޯވް އެލްބިއަންއާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ބްރައިޓަންއިންނެވެ. އަދި، އެވަޓަންއިން 3-1 އިން ފުލަމް ބަލިކުރިއިރު، ބްރެންޓްފަޑުން ވަނީ 1-0 އިން އިޕްސްވިޗް ޓައުން ބަލިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ