ރ. އުނގޫފާރުގައި ކަރަންޓު ދެމުން އަންނަ ބައެއް ޖަނަރޭޓަރުތައް ހަލާކުވެ ކަރަންޓްގެ ޚިދުމަތަށް ބުރޫ އެރުމުން އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރ. އަތޮޅުގެ ވެރިރަށް އުނގޫފާރުގައި ކަރަންޓުގެ ހިދުމަތް ދޭން ފަސް ޖަނަރޭޓަރު ހުރި ނަމަވެސް އެންމެ ޖަނަރޭޓަރަކުން ރަށަށް ކަރަންޓު ދޭތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އޯވަހޯލްކުރުމަށާއި މަރާމާތުކުރުމަށް އަދި ހަލާކުވެގެން ގިނަ ޖަނަރޭޓަރުތައް ބޭނުންނުކުރެވޭތީ މިހާރު ކަރަންޓު ދެނީ ކޮންމެ ދުވަހަކު ވެސް ދެ ގަޑިއިރަށް މެދުކަނޑާލައިގެންނެވެ.
އުނގޫފާރުން ވާހަކަ ދެއްކި އަހުމަދު މާހިރު ބުނި ގޮތުގައި ކުރިން 24 ގަޑިއިރު ކަރަންޓު ދޭ ރަށެއްގައި ދުވާލަކު ދެ ގަޑިއިރަށް ކަރަންޓު ކަނޑާލާތީ ގިނަ އުނދަގޫތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ގިނައިން ކަރަންޓު ކަނޑާލުމުގެ ސަބަބުން އިލެކްޓްރިކް ސާމާނަށް ގެއްލުން ލިބި ރައްޔިތުންގެ ޝަކުވާތައް ބޮޑުވެފައިވާ ކަމަށް ވެސް މާހިރު ބުންޏެވެ.
"ގޭގޭގައި ހުންނަ އައިސް އަލަމާރި އާއި ޓީވީ ފަދަ އިލެކްޓްރޯނިކް ސާމާނަށް ކިހާ ގެއްލުންވާނެތޯ އެހެން ކޮންމެ ދުވަހަކު ކަރަންޓް ކަނޑައިގެން ދަންޏާ. އަދި ކަރަންޓު ދާ ވަގުތުތަކުގައި ހޮސްޕިޓަލަކުން ވެސް އެންމެ ފުރިހަމަ ހިދުމަތެއް ނުލިބޭ،" މާހިރު ބުންޏެވެ. "މި ރަށުގައި ބޭންކާއި ދިރާގުގެ ގޮފިތައް ހުރޭ. ހިދުމަތް ހޯދުމަށް އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް މި ރަށަށް އަރާއިރު ކަރަންޓުގެ ސަބަބުން އެ މީހުންނަކަށް ވެސް ފުރިހަމައަށް ހިދުމަތެއް ނުދެވޭ"
އުނގޫފާރުގައި ކަރަންޓުގެ ހިދުމަތް ދޭން ނޮދަން ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރަން ސަރުކާރުން ނިންމާފައި ވިޔަސް އެކަމާ ރައްޔިތުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެހެންކަމުން އަދިވެސް ކަރަންޓް ދެމުން އަންނަނީ ރައްޔިތުންގެ އިންޖީނުގެއިންނެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ރަށަށް އެންމެ ފުރިހަމަ އަށް މިހާރު ކަރަންޓު ފޯރުކޮށްދެވޭނީ ޔުޓިލިޓީސް ކުންފުންޏާ މިކަން ހަވާލުކޮށްގެން. ނަމަވެސް ރަށުގެ ބައެއް މީހުން ބޭނުމެއްނުވޭ އެގޮތަށް ކަންތައް ކުރާކަށް،" މާހިރު ބުންޏެވެ.
އުނގޫފާރު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި އެއަތޮޅު ރަސްގެތީމު ކަތީބު ހުސައިން އިބްރާހިމް ވިދާޅުވީ އޭޑީބީގެ އެހީގައި ސަރުކާރުން އެ ރަށުގައި އަޅާފައި ހުރި އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކޮށްފައި ހުރި ނަމަވެސް އެ ކުންފުންޏަށް ކަރަންޓު ފޯރުކޮށް ދެވޭވަރު އަދި ނުވާ ކަމަށެވެ.
ހުސައިން ވިދާޅުވި ގޮތުގައި އުނގޫފާރުގައި ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލާއިރު ޔުޓިލިޓީސްގެ ދަށުގައި ހުރި އާ އިންޖީނު ގެއިން އެވަރަށް ކަރަންޓް ފޯރުކޮށެއް ނުދެވޭނެ އެވެ. އެކަމަކު ރައްޔިތުންގެ އިންޖީނުގެއާ ގުޅިގެން ޔުޓިލިޓީސްގެ އިންޖީނުގެ ހިންގުމާ މެދު ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އުނގޫފާރުން ގިނަ އިރުތަކަކަށް ކަރަންޓު ކަނޑައިގެން ދިޔުމުން އެ ރަށުގެ ގިނަ ބަޔަކަށާއި އެކި ހިދުމަތް ހޯދުމަށް އެ ރަށަށް ދިޔަ ބީރައްޓެހިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގޮސް ތިބި އެހެން ރަށްރަށުގެ 100 ވަރަކަށް މީހުންނަށް ހޮނިހިރު ދުވަހު އެނބުރި ރަށަށް ދާން ޖެހުނީ ފަރުވާ ނުލިބި އެވެ.
ހުސައިން ވިދާޅުވީ އެ ރަށުގައި ކަރަންޓު ދެމުން އަންނަ ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ކުރެވޭ ވަރަށް ރައްޔިތުންގެ މާލިއްޔަތުގައި ފައިސާ އެބަ ހުރި ކަމަށާއި އެކަމަކު އެ ފައިސާ ބޭނުންކުރެވެން އޮތީ ގިނަ ފަރާތެއްގެ ހުއްދަ ލިބިގެން ކަމަށެވެ.
"ހުރިހާ އިންޖީނުތަކެއް އޯވަހޯލްކުރަން ރައްޔިތުންގެ މާލިއްޔަތުގައި ފައިސާ ހުރި ނަމަވެސް އަޅުގަނޑުމެންނަށް އެކަން ކުރެވެން އަންނަނީ ގިނަ ބައެއްގެ ހުއްދަ ހޯދައިގެން. އެ ޕްރޮސެސް ޕްރޮވިންސް އޮފީހުން ފެށިގެން އެންޓި ކޮރަޕްޝަނާ ހަމައަށް ގޮސްފައިވޭ. އެހެންކަމުން އޯވަހޯލް ނުކުރެވި ގިނަ ދުވަސްތަކެއްވެ، އެ އިންޖީނުތައް ކަރަންޓު ނުދެވޭ ދަރަޖަ އަށް ދިޔައީ. އެހެންކަމުން އަޅުގަނޑުމެން ބޭނުން މިކުރަނީ ސަލާމަތުން ހުރި ހަމައެކަނި ޖަނަރޭޓަރު،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަރާމާތު ކުރުމަށް އިންޑިއާ އަށް ފޮނުވާފައި ހުރި ޖަނަރޭޓަރު ދެ ހަފްތާއެއްގެ ތެރޭގައި ލިބުމުން ކަރަންޓުގެ މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް އުއްމީދުކުރެއްވެ އެވެ.
"ނަމަވެސް މައްސަލަ މުޅިން ހައްލުވާނީ ޔުޓިލިޓީސް އާއި ރައްޔިތުން ގުޅިގެން، ގިނަ ޖަނަރޭޓަރުތަކަކުން ރަށަށް ކަރަންޓު ފޯރުކޮށްދެވިގެން،" ހުސައިން ވިދާޅުވި އެވެ.
އުނގޫފާރުގައި ކަރަންޓުގެ މައްސަލަ ބޮޑުވެ އާއްމު ހިދުމަތްތަކަށް ބުރޫއަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ