ޑްރަގް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރީ ވަރަށް ގާބިލް ބޭފުޅުންކޮޅެއް ކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވެއްޖެ

އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނޫގެ ދަށުން އުފައްދަންޖެހޭ ޑްރަގް
ކޯޓަށް އައްޔަންކޮށް މިރޭ ހުވާ ކުރި ގާޒީންނަކީ އެ މަގާމަށް  ވަރަށް ގާބިލް،
ކުޅަދާނަ ބޭފުޅުން ކޮޅެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ޖުޑީޝަލް
ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޑްރަގް ކޯޓަށް އައްޔަންކުރަންޖެހޭ ފަސް ގާޒީން
އައްޔަންކޮށް، މަގާމުގެ ހުވާކުރުމާއި ފަތްކޮޅު ދިނުމުގެ ގޮތުން މިރޭ ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް މުހައްމަދު ވިދާޅުވީ  އަދުލު އިންސާފު މިސްތަކުންނަށް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި  މި ބިންމަތީ އިންސާނުން ލެއްވި މަގުސަދު ހާސިމްވެގެން ދާނީ އެންމެންގެ މެދުގައި ހަމަހަމަކަމާ އެކު
އިންސާފު ގާއިމުކުރެވިގެންކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުން
އަބަދުވެސް މަސައްކަތްކުރައްވަންޖެހޭނީ ހާއްސަ ޕްލެޓް ފޯމެއްގެ މަތީގައި ކަމަށާއި އެއީ ފަނޑިޔާރުންގެ ސޫލުކީ މިންގަނޑުކަމަށެވެ. މީގެ އިތުރުން  ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި އަބަދުވެސް
ފަނޑިޔާރުން ތިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޑްރަގް ކޯޓުގެ ގާޒީންގެ މަގާމަށް އައްޔަންކޮށް މިރޭ މަގާމުގެ ހުވާކުރެއްވީ  ޕްރޮސިކިއުޓާ ޖެނެރަލް
(ޕީޖީ) އޮފީހުގެ ވަކީލުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ހުސެއިން ޝަހާމަތު
މާހިރާއި އަބްދުއްސައްތާރު އަބްދުލްހަމީދާއި މެޖިސްޓްރޭޓް ކޯޓުގެ
ފަނޑިޔާރު ޒުބައިރު މުހައްމަދާއި މުހައްމަދު އީސާ އެވެ.
ޑްރަގް ކޯޓުގެ ފަނޑިޔާރު ކަމަށް ޖުމްލަ 35 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ކެންޑިޑޭޓުންނާ އިންޓަވިއު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ