އެހެން ދުވަސްތަކާ ހިލާފަށް މާލޭގެ ގިނަ ސަރަހައްދުތަކުން އިއްޔެ ހެނދުނު ފެނިގެންދިޔައީ ބޯކޮށް ވެހެމުންދިޔަ ވާރެއާއެކު ގިނަ ބަޔަކު ކުޑަ ހިފައިގެން އެތައް އިރެއް ވަންދެން ދިގު ކިޔޫއެއްގައި ދިގު އިންތިޒާރެއް ކުރަމުންދިޔަ ތަނެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ދިގު ކިޔޫއެއްގައި ތިބިއިރު ވެސް ގިނަ ބައެއްގެ އިހުސާސްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ސަބަބަކީ ދިގު ކިޔޫއެއްގައި ތިބީ ތާރީހީ ކަމެއްގެ ތެރޭގައި ކަމަށްވާތީ އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ގިނަ ސިޔާސީ ޕާޓީތައް ވާދަކުރާ އިންތިހާބުގައި ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރުމަށްޓަކަ އެވެ. ކެތްތެރިކަމާއެކު ވަރުބަލިކަމެއް ނެތި އެވެ.
އިއްޔެ މުޅި ރާއްޖޭގައި ބޭއްވި މި އިންތިހާބުގެ ވޯޓުލުން (ފުރަތަމަ ބުރުގެ ވޯޓުލުން) ވަރަށް ފޯރިއާއެކު ކުރިއަށް ދިޔައިރު ހުރިހާ މީހުންގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ އެހެން ފަހަރުތަކާ ހިލާފަށް އާދަޔާ ހިލާފު ރޫހެކެވެ. ވޯޓުލުމަކީ އެ މީހެއްގެ ހައްގެއްކަން އެނގި އިސްލާހަށްޓަކައި ގިނަ ބަޔަކު ވޯޓުލުމަށް ޝައުގުވެރިކަން ފާޅުކުރަމުންދިޔަ ތަން ފެނިގެން ގޮސްފައި ވެ އެވެ. އޭގެ އެއް ހެއްކަކީ އިންތިހާބުގެ ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 208،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 130،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައި ވުމެވެ. ހާއްސަކޮށް ވޯޓުލާން ގޮސް ތިބި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނިގެން ގޮސްފައިވާކަމީ ފާހަގަކުރެވޭ ކަމެކެވެ.
ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ފުރަތަމަ އިންތިހާބަކީ ވެސް އެކި ގޮތްގޮތުން ބަލާއިރު ފާހަގަ ކޮށްލެވޭ އިންތިހާބެވެ. ފުރަތަމަ އެއް ކަމަކީ މިއީ 18 އަހަރުން މަތީގެ ޒުވާނުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކަމަށްވުމެވެ. ދެވަނަ ކަމަކީ މި އިންތިހާބުގައި ޖަލުގައި ބަންދުކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް ވޯޓުލެވޭނެ ފުރުސަތު ހުޅުވިފައި އޮތުމެވެ. ތިންވަނަ ކަމަކީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެތެރެ ފެންނަ ވޯޓު ފޮށި ފުރަތަމަ ފަހަރަށް ބޭނުން ކުރުމެވެ. ހަތަރުވަނަ ކަމަކީ އިންތިހާބާ މެދު އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭން ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ދިއުމެވެ. އަނެއް ކަމަކީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ކުރި މަސައްކަތް ބޮޑުކަމެވެ. މިއާ އެކު މި އިންތިހާބަށް ބޭރުގެ މީޑިއާތަކުންނާއި އޮބްޒާވަރުން ދެމުންދާ ސަމާލުކަން ބޮޑުކަން ފާހަގަ ކޮށްލެވެ އެވެ.
ހަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔައިރު ފާހަގަ ކުރެވޭ ކަންތައްތަކެއް ފެނިފައިވީ ނަމަވެސް، ބައެއް މީހުންގެ ހިތްހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވި އެވެ. އިއްޔެގެ މެންދުރުކުރީގައި ބައެއް މީހުންގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ ރަޖިސްޓްރީގެ ކަންތައްތައް ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލަކާއެކު އެކަންތައްތައް ހައްލުވެގެން ގޮސްފައިވެ އެވެ. ބައެއް ޕޯލިން ސްޓޭޝަންތަކުގައި ރަޖިސްޓްރީވެފައި ނެތުމުގެ ސަބަބުން ވޯޓުނުލެވި ތިބި ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ފުޅާދާއިރާއެއްގައި ލިބިގެން ގޮސްފައި ވެ އެވެ. ރަޖިސްޓްރީ މައްސަލަ ހައްލުވި ނަމަވެސް، ޑަބަލް ވޯޓިން ނުވަތަ ދެފަހަރު ވޯޓުލުން ހުއްޓުވުމަށްޓަކައި، ވޯޓުލާ މީހުންގެ އިނގިލީގައި ޖަހަމުންދިޔަ ފާހަގަ ވަރަށް ފަސޭހައިން ފޮހޮވެމުންދިޔަ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ. ބައެއް މީހުން ވޯޓުލުމަށް ފަހު މާ ގިނައިރުތަކެއް ނުވެ އެ ފާހަގަ ފޮހެލާފައި ވެ އެވެ.
މާލޭގައި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައިރު، ވޯޓުލުމުގެ ކަންތައްތައް ދިޔަ ސްޕީޑް ވަރަށް ދަށްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. އެގޮތުން ހާއްސަކޮށް ބައެއް ވޯޓުފޮށިތަކަށް ވޯޓުލާން ދިޔަ މީހުން ފަސް ގަޑިއެއްހާއިރުގެ ދިގު އިންތިޒާރެއް ކޮށްފައި ވެ އެވެ. އޭގެ އިތުރުން ކިޔޫގައި ގިނައިރު ހުންނަން ޖެހުމުން ނުވަތަ ވޯޓުލުމަށް ކުރަންޖެހޭ އިންތިޒާރު ދިގުވެގެން ގޮސް ބައެއް މީހުން އަނބުރައި ދިޔަތަން ވެސް ފެނިފައި ވެ އެވެ. އަދި ގިނަ އަދަދެއްގެ މީހުން ވޯޓުލާންޖެހޭ ސަރަހައްދުތަކުގައި އެންމެ ފޮއްޓެއް ބަހައްޓާފައި ހުރުމުގެ ސަބަބުން ވޯޓުލުން ވަރަށް ބޮޑަށް މާލޭގައި ލަސްވެގެން ގޮސްފައި ވެ އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުގައި މިއަދު މެންދުރާ ހަމައަށް އިއުލާންކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސެންޓް ލިބިވަޑައިގެންފައި ނުވާތީ ވަރަށް ބޮޑަށް ބެލެވޭ ގޮތުން އިންތިހާބުގެ ދެވަނަ ބުރެއް މިހާރު ބާއްވަން ޖެހެ އެވެ. ގާނޫނު އަސާސީގައި ފުރަތަމަ ފަހަރަށް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާ ގޮތަށް ހަމަޖެހިފައިވުމާއެކު މިއީ ވެސް ވަރަށް ތާރީހީ ކަމެކެވެ. ކުރިއަށް ދުވަސްތަކުގައި އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމެކެވެ. ސިޔާސީ އާ ވިސްނުންތަކެއް ވެސް ފެނިގެންދާނެ ކަމެއްކަން ޔަގީނެވެ.
ރިޔާސީ އިންތިހާބު 2008: ހުރިހާ ގޮތަކުން ވެސް ތާރީހީ އިންތިހާބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ