މައާފަށް އެދޭން ޖެހޭނީ ޕްރައިމަރީގައި އޮޅުވައިލައި މަކަރު ހެދި މީހުން: އުމަރު

ބަޔަކު ހިންގައިފައި އޮތް ކަމެއްގެ ހަގީގަތް މެމްބަރުންނަށް ހާމަ ކުރުމަކީ އެއްވެސް ހާލެއްގައި އެކަމަށް މައާފަށް އެދޭން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި މައާފަށް އެދޭން ޖެހޭނީ ރިޔާސީ ޕްރައިމަރީގައި އޮޅުވައިލައި މަކަރު ހެދި މީހުން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި އަނެއް ކެނޑިޑޭޓް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާ ލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެން ބޭންކް އޮފް ސިލޯން ކުރިމަތީ ހުންނަވައިގެން އޭނާގެ ސަޕޯރުންނާ މުޚާތަބު ކުރައްވައި އުމަރު ނަސީރު ވިދާޅުވީ ޕްރައިމަރީގައި ޔާމީން ވޯޓު އޮޅުވައިލައި މަކަރާއި ހީލަތުން ބައެއް ވޯޓު ކަރުދާސްކޮޅުތަކުގައި ޔާމީންގެ ނަންޖެހުމަށް ފަހު ފޮށްޓަށް ވައްޓައިލި އިރު ވެސް އެ މައްސަލަތައް މިހާ ތަނަށް ވެސް އެއްވެސް ފަރާތަކަށް އަންގައިފައި ނުވާނެ ކަމަށެވެ.
"ބަޔަކު ކުރި ކަމެއްގެ ހަގީގަތް ހާމަ ކޮށްގެން މައާފަށް އެދޭން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން. މައާފަށް އެދޭން ޖެހޭނީ ޕްރައިމަރީގައި ވޯޓު އޮޅުވައިލައި މަކަރާއި ހީލަތް ހެދި މީހުން،" އުމަރު ވިދާޅުވި އެވެ.
އެ މައްސަލަތައް އެއްވެސް ފަރާތަކަށް ހުށަހެޅިންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އުމަރު ވިދާޅުވީ އެކަން ޕާޓީގެ ކަމާ ގުޅޭ ގޮފިތަކުން އިންސާފުވެރި ކަމާ އެކު ބެލިދާނެ ކަމަށް ގަބޫލް ނުކުރެއްވޭތީ އަދި އެ މައްސަލަ އެއްވެސް ފަރާތަކަށް ހުށަނާޅުއްވާ ކަމަށާއި، ހުށަހަޅާން ހުރި ގޮފި ތަކަކީ ވެސް ޔާމީންގެ ނުފޫޒުގެ ދަށުގައި ހުރި މުވައްސަސާތަކެއް ކަމަށެވެ.
އުމަރު ވިދާޅުވީ ވޯޓު އޮޅުވާލުމުގެ އިތުރުން ޕާޓީގެ ރެޖިސްޓްރީގައި ނެތް މީހުން ވެސް އެ ދުވަހު ވޯޓުލީ ކަމަށެވެ.
ޕްރައިމަރީގައި ޔާމީން ވޯޓު އޮޅުވައިލެއްވި ކަމަށް ވިދާޅުވެފައި ވާ އިރު، ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލް އެ ވާހަކަތަކަށް ޖަވާބުދާރީ ވަމުން ވިދާޅުވެފައި ވަނީ އުމަރު އެ ކުރައްވާ ތުހުމަތުތައް ބަލަމުންދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަމުގެ އެއްވެސް ހެެއްކެއް ލިބިފައި ނުވާ ކަމަށެވެ.
ބ. ތުޅާދޫގައި ވޯޓު ފޮށްޓެއް ނުބަހައްޓާ ކަމަށާއި ނަމަވެސް އެ ރަށުގެ ވެސް ނަތީޖާ އައި ކަމަށް އުމަރު ވިދާޅުވި ވާހަކަފުޅަށް ތޮލާލް ވިދާޅުވެފައި ވަނީ އެ ރަށުގައި ވޯޓު ފޮއްޓެއް ބެހެއްޓި ކަމުގެ ފުރިހަމަ ހެކި އެބަހުރި ކަމަށެވެ. އަދި އެކަމަށް އެ ރަށުގެ ރައްޔިތުން ވެސް ހެކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ