ނ. އަތޮޅު ޅޮހީއަށް އާ ޖަނަރޭޓަރެއް ގެންދާނެ ކަމަށް ބުނެ ރައްޔިތުންނަށް ފޮނި ހުވަފެންތަށް ދެއްކުމަށްފަހު އެރަށަށް ބާ ޖަނަރޭޓަރެއް ގެންދިޔަ މައްސަލާގައި ރައްޔިތުން ނިކުމެ އިހްތިޖާޖުކޮށް ފެނަކައިގެ ރީޖަނަލް މެނޭޖަރު އެރަށުން ބޭރުކޮށްލައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޅޮހީ ކައުންސިލް ރައީސް އަބްދުﷲ ސާލިމް ވިދާޅުވީ 200 ކިލޯ ވޯޓުގެ އާ ޖަނަރޭޓަރެއް އެ ރަށަށް ގެންދާނެ ކަމަށް ބުނުމަށްފަހު 160 ކިލޯ ވޯޓުގެ ބާ ޖަނަރޭޓަރެއް އެރަށަށް ގެންދިޔުމުން އެކަމާ ރައްޔިތުން ނިކުމެ އިހްތިޖާޖު ކުރި ކަމަށެވެ. އަދި ރައްޔިތުން ރުޅިގަދަވެ ފެނަކައިގެ ރީޖަނަލް މެނޭޖަރު އެރަށުން ބޭރުކޮށްލީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސާލިމް ވިދާޅުވީ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ނުވުމުގެ ސަބަބުން އެކަން ފެނަކަ މެއިން ބްރާންޗަށް އެންގުމުން އެރަށަށް 200 ކިލޯ ވޯޓުގެ އާ ޖަނަރޭޓަރެއް ގެންދާނެ ކަމަށް ބުނި ކަމަށެވެ. އަދި އެކަން ފެނަކައިގެ ރީޖަނަލް މެނޭޖަރުވެސް ރަށުގެ ކައުންސިލަށް އެންގި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރަށަށް ޖަނަރޭޓަރެއް ގެނައި އިރު ގެނެސްފައިވަނީ އެ އަތޮޅުގެ އެހެން ރަށެއްގައި ބޭނުން ކޮށްފައިހުރި 160 ކިލޯ ވޯޓުގެ ބާ ޖަނަރޭޓަރެއް ކަމަށްވެސް ވިދާޅުވި އެވެ.
ސާލިމް ވިދާޅުވީ ޅޮހީ އަށް އެ ޖަނަރޭޓަރު ގެނައިކަން ރައްޔިތުންނަށް އެނގުމުން ރައްޔިތުން ނިކުމެ ރަށުގައި އިހުތިޖާޖުކޮށް ޖަނަރޭޓަރު އިންސްޓޯލް ނުކުރުމަށް ނިންމާފައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ކައުންސިލާއި ރައްޔިތުން ފެނަކައިގެ ރީޖަނަލް މެނޭޖަރާއި ބައްދަލުކޮށް މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރި ނަމަވެސް ރީޖަނަލް މެނޭޖަރަށް ރައްޔިތުން އެދުނު ކަންކަން ފުރިހަމަ ކޮށް ނުދެވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ވަނީ ރަށުން ބާލާފައި ކަމަށެވެ. އަދި އިހުތިޖާޖް ކުރަމުން ދިޔަ ވަގުތުގައި ވެސް ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސާލިމް ވިދާޅުވީ މީގެ ކުރިންވެސް ރަށުގައި ބާ ދެ ޖަނަރޭޓަރު ހުންނަ ކަމަށާއި ނަމަވެސް އެ ދެ ޖަނަރޭޓަރަކީވެސް އަބަދުވެސް މައްސަލަޖެހިފައި ހުންނަ ޖަނަރޭޓަރެއް ކަމަށެވެ. ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާ ކަމަށާއި އެ މައްސަލައަށް އެދެވޭ ހައްލެއް ރައްޔިތުން ބޭނުންވެފައި ވަނިކޮށް ރައްޔިތުންނަށް އޮޅުވާލުމުން ރުޅިގަދަވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސާލިމް އިތުރަށް ވިދާޅުވީ ފެނަކައިގެ އިސްވެރިންނާއި ބައްދަލުކޮށް އެކަން ހައްލުކޮށް ދިނުމަށް އެދިފައިވާ ކަމަށާއި ނަމަވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭނާ މާލެ ވަޑައިގަތުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ބުނި ކަމަށެވެ.
ޅޮހީ ރައްޔިތުންގެ ތެރެއިން ވީނިއުސް އާއި ވާހަކަ ދެއްކި މީހަކު ބުނީ އެރަށަކީ ސަރުކާރުން ބާދަނގަޑު އަރުވަން އޮތް ރަށެއް ނޫން ކަމަށާއި ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ބުނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނިންމާފައިވާ ގޮތަށް އަމަލު ނުކުރީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ތާއީދު ކުރާ މީހުން އެރަށުގައި ނެތުމުން ކަމަށެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނިންމާފައިވަނީ އެރަށުގެ ކަރަންޓް މައްސަލަ އަށް ހައްލެއް ހޯދުމަށް 200 ކިލޯ ވޯޓުގެ އާ ޖަނަރޭޓަރެއް ގެންދިއުމަށެވެ.
"މިއީ ތިލަފުއްޓެއް ނޫން ސަރުކާރުން ބާދަނގަޑު އަރުވަން. ކުރިންވެސް ބާ ޖަނަރޭޓަރުތަކެއް މިރަށަށް ގެނައި. ރައްޔިތުން އިހުތިޖާޖެއް ނުކުރޭ. ކެތްތެރިކަން ދެއްކި ރައްޔިތުން. އެކަމަކު ސަރުކާރުންވެސް އަދި ފެނަކައިންވެސް މިރަށަށް އާ ޖަނަރޭޓަރެއް ގެންނާނެ ކަމަށް ބުނެ ފޮނި ހުވަފެންތަށް ރައްޔިތުންނަށް ދައްކާފަ ތަނެއްގެ ބާވެފަ ހުރި ޖަނަރޭޓަރެއް ބޭރަށް ސްޕްރޭ ޖަހާލައިގެން ގެނައިމަ ރައްޔިތުންނަކަށް ކެތެއް ނުކުރެވޭނެ. އިރުއިރު ކޮޅުން ރަށުން ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ގެންނަން ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ. އިއްޔެ ރީޖަނަލް މެނޭޖަރު ބޭރު ކޮށްލީވެސް އެކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރާތަން ނުފެނުނީމަ." އާ ޖަނަރޭޓަރެއްގެ ފޮނި ހުވަފެން ދެއްކުމަށްފަހު ބާ ޖަނަރޭޓަރެއް ޅޮހީއަށް އެރުވި މައްސަލާގައި ރުޅިގަދަވެފައިވާ ރައްޔިތަކު ބުންޏެވެ.
މީގެ އިތުރުން ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޅޮހީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ.
ޅޮހީގައި ކުރިއަށް ދިޔަ އހްތިޖާޖުގެ ތެރެއިން ރައްޔިތުން ވަނީ ޅޮހީ ފެނަކަ ބްރާންޗްގެ ނަން "ނ. ޅޮހީ ބާދަނގަޑު ބްރާންޗް"ގެ ނަމަށް ބަދަލުކޮށް ގަނޑުކޮޅެއް ވެސް ހަރުކޮށްފަ އެވެ.
ވައުދާ ހިލާފުވެ ބާ ޖަނަރޭޓަރެއް ގެންދިއުމުން ޅޮހީ ރައްޔިތުން ރަތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ