ކަރަންޓް ކަނޑާލާފައި ވަނީ ޅޮހީ ރައްޔިތުން އަމިއްލަ އަށް – ފެނަކަ

ރައްޔިތުންގެ ފަރާތުން ކަރަންޓުގެ ހިދުމަތާ ބެހޭ ގޮތުން ލިބެމުން އައި ޝަކުވާތަކަށް ހައްލު ހޯދަން އުޅެނިކޮށް ނ.ޅޮހީގެ ބައެއް ރައްޔިތުން ނިކުމެ ވަނީ އެރަށު ޖަނަރޭޓަރު ނިއްވާލައި ރަށުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ އިން ބުނީ މި މަހުގެ 7 ވަނަ ދުވަހު ނ.ޅޮއްސަށް 160 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންގޮސް އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކުންފުނީގެ ޓެކްނިކަލް ޓީމެއް މަސައްކަތް ކުރަން އުޅުމުން އެރަށުގެ ބައެއް ރައްޔިތުން ވަނީ އެކަމަށް ހުރަސް އަޅާފައި ކަމަށެވެ. އަދި ފުލުހުންގެ އެހީތެރި ކަމާއެކު އެޓީމު ވަނީ އެރަށުން ފައިބާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އެއަށް ފަހު މި މަހުގެ 11 ވަނަ ދުވަހު އަނެއްކާވެސް 160 ކިލޯ ވޮޓުގެ ޖަނެރޭޓަރު އިންސްޓޯލް ކުރުމަށް ޓެކްނިކަލް ޓީމެއް ފޮނުވި ކަމަށާއި އެޓީމުން ވަނީ ޖަނެރޭޓަރު ސެޓު އިންސްޓޯލް ކޮށް މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައި ކަމަށް ފެނަކަ އިން ބުނެއެވެ.
ނަމަވެސް އޭގެފަހުންވެސް ރައްޔިތުންގެ ފަރާތުން ކަރަންޓުގެ ހިދުމަތާ ބެހޭ ގޮތުން ލިބެމުން އައި ޝަކުވާތަކަށް ހައްލު ހޯދަން އުޅެނިކޮށް އެރަށުގެ ބައެއް ރައްޔިތުން ނިކުމެ ވަނީ އަލަށް އިންސްޓޯލް ކުރި 160 ކިލޯވޮޓުގެ ޖަނަރޭޓަރު ނިއްވާލައި ރަށުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ފެނަކައިން ބުނީ އެރަށުގެ ރައްޔިތުން ބޭނުންވަނީ ރަށުގެ ކަރަންޓުގެ ޑިމާންޑާއި ނުބައްދަލު 200 ކިލޯވޮޓުގެ ޖަނެރޭޓަރެއް ކަމަށާއި އެހެންނަމަވެސް އެރަށަށް 200 ކިލޯވޮޓުގެ ޖެނެރޭޓަރެއް ގެންދިއުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި ޕީކް ގަޑިތަކުގައި 90 ކިލޯ ވޮޓު ނަގާ ރަށެއްގައި 200 ކިލޯވޮޓުގެ ޖަނެރޭޓާރެއް ބެހެއްޓުމުން 110 ކިލޯވޮޓުގެ ކަރަންޓު ބޭކާރު ވެގެންދާނެ ކަމަށް ފާހަގަކޮށް އެ ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ތެޔޮ ގަންނަން ބޭނުންވާ ފައިސާ އަކީ އެރަށުގައި އެކުންފުނިން ދެމުންދާ ހިދުމަތް ރަނގަޅު ކުރުމަށް ބޭނުން ކުރެވޭނެ ފައިސާތަކެއް ކަމަށް ދެކޭ ކަމަށް އެކުންފުނިން ބުނެއެވެ.
އަދި މިހާރު ހުރި 160 ކިލޯ ވޮޓުގެ ޖެނެރޭޓަރަކީ ޅޮހީގެއި ނަގާ 90 ކިލޯ ވޮޓުގެ ލޯޑަށް އެންމެ އެކަށީގެންވާ ޖެނެރޭޓަރު ކަމަށް ފެނެކަ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ