އަމާންވެށި ޕްރޮގްރާމްގެ ސްކޫލް ކުދިންގެ ކޭމްޕުތައް ނިންމާލައިފި

މ. މުލީގައި މިހާރު ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ފިޔަވަޅު، ކުރިމަގު އަދި ފުރާވަރު ކޭމްޕްތައް ނިންމާލައިފިއެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ 14 އިން 16 އަށް މ. މުލީ ސްކޫލްގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕްގައި އެސްކޫލްގެ ގްރޭޑް 8 އަދި 9 ގެ ޖުމްލަ 97 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިކޭމްޕްގައި ފުރާވަރުގެ ކުދިންނަށް ބޭނުންވާނެ މުހިންމު ގިނަގުނަ މަޢުލޫމާތުތައް އެކުލެވޭ ފިލާވަޅުތައް ދެވީފައިވެއެވެ.
އެގޮތުން ރިވެތި އަޚްލާޤާއި، މަގުމަތީގެ އަދަބުތަކާއި، ޤައުމިއްޔަތު ބިނާކުރުމާއި، ޒިންމާދާރުވުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުންވެސް ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރުމާއި، ސައިބަރ ކްރައިމްއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުންވެސް ޓީމްބިލްޑިންގ ސެޝަންތަކާއި ފިޒިކަލް ފިޓްނަސްގެ ބައިތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މިސެޝަންތަކުގައި މަޢުލޫމާތު ދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާގުޅޭ ތަޖުރިބާކާރު ފުލުހުންނެވެ.
ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ފިޔަވަޅުގައި ގްރޭޑް 1، 2، 3 ގެ ޖުމްލަ  79 ދަރިވަރުން ބައިވެރިވެފައިވާއިރު މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ މ. ނާލާފުށީ ސްކޫލުގެ 28 ދަރިވަރަކާއި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 51 ދަރިވަރެކެވެ.  އަދި ކުރިމަގު ކޭމްޕުގައި ނާލާފުށި ސްކޫލާއި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 4، 5 އަދި 6 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ހިމެނޭގޮތަށް ޖުމްލަ 76 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ދެކޭމްޕުގައިވެސް ދަރިވަރުންގެ އުމުރާގުޅޭ ގޮތަށް ބައްޓަންކޮށްގެން ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދީފައިވެއެވެ. އެގޮތުން ރިވެތި އަޚްލާޤާއި އަދަބުތައް ބުނެދިނުމުގެ އިތުރުންވެސް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުށްމަދުކުރުމަށް ފުލުހުން މިއަހަރު ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ބޭންކް އޮފް މޯލްޑިވްސް، އެލައިޑްއިންސްއަރެންސް، އެސްޓީއޯ، މެޕްސް. ދިރާގު އަދި ޓާނިންގ ސްޓޯންސްގެ އެއްބާރުލުމާއެކުގައެވެ.
އަދި ޕްރޮގްރާމް ހިންގޭ ރަށްރަށުގެ ބެލެނިވެރިންނާއި ސްކޫލްތަކުގެ ފަރާތުންވެސް ވަރަށްބޮޑު ތަރުހީބެއް މި ޕްރޮގްރާމަށް ލިބެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ