ހުރިހާ މިނިސްޓަރުންނަށް ރުހުން ދިނުމުން އެކަމާއި އުފާކުރަން - މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 15 ވަޒީރުން ދިނުމުން އެކަމާއި އުފާކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީ ބައެއް މެންބަރުންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ވަޒީރުންނަށް ބައެއް އެމްޑީޕީ މެންބަރުން ވޯޓުދެއްވާފައިވާތީ އެ މެންބަރުންނަކީ ގައުމަށް ހިދުމަތްކުރުމުގެ ރޫހު ހުރި މެންބަރުން ކަން ހާމަވެގެން ގޮސްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
މިހާރު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންނަކީ ވެސް ވަރަށް ގާބިލް ބޭފުޅުން ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ވަޒީރުންނަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ތައުރީފްކޮށް ވާހަކަފުޅުދައްކަވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓަށް ރުހުންދިނުމުގެ މައްސަލާގައި އެމްޑީޕީން ނެރުނު ތްރީ ލައިން ވިޕާ ހިލާފަށް ވޯޓްދެއްވި މެމްބަރުންގެ މައްސަލަ ބަލާ އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ބުނެފައިވާއިރު ތްރީލައިން ވިޕް ނެރުނީ ވަޒީރުންގެ ނަންތައް ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރުހުން ދޭން ނުފެންނަ ކަމަށް ނިންމި އަށް ބޭފުޅުންނަށް ރުހުން ނުދިނުމަށެވެ.
އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް 7 މެމްބަރަކު ވަނީ ވޯޓް ލާފައެވެ.
ވިޕާ ހިލާފުވާ މެމްބަރުންނަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މާފަންނު ހުޅުނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ އިތުރުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަކީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާގޮތުގައި ކޯލިޝަންގެ ހުރިހާ މެމްބަރުން ވެސް ތިއްބެވީ ގުޅިގެން މަސައްކަތް ކުރައްވާގޮތަށް. ދެން ބައެއް ފަހަރަށް ބައެއް ކަހަލަ ކަންތައްތަކުގައި ހިޔާލް ތަފާތު ވުމަކީ އެކަށީގެންވާ ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ