މަންޑޭލާގެ ގެއިން ފެނާއި ކަރަންޓް ކަނޑާލަން އޮޅުމަކުން ނޯޓިސް ފޮނުވައިފި

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ގޭގެ ފެނާއި ކަރަންޓް ބިލް ނުދައްކާ ކަމަށް ބުނެ އެގެއިން ފެނާއި ކަރަންޓް ކަނޑާލަން ނޯޓިސް ފޮނުވުނީ އޮޅުމަކުން ކަމަށާއި އެކަމަށް މައާފަށް އެދޭކަމަށް ޖަހަނަސްބާގްގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
މަންޑޭލާގެ ގެއަށް ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ ފެނާއި ކަރަންޓް ބިލަށް ދަށްކަންޖެހޭ 6,486.48 ރަންޑް (660 ޑޮލަރު) ނުދައްކައިފިނަމަ ފެނާއި ކަރަންޓް ކަނޑާލާނެ ކަމަށެވެ.
ނަމަވެސް ޖަހަނަސްބާގްގެ އޮފިޝަލުން ފަހުން ވިދާޅުވީ މަންޑޭލާގެ ގެއަށް އެނޯޓިސް ފޮނުވުނީ އެރި އޮޅުމެއްގެ ސަބަބުންނެވެ. މަންޑޭލާގެ ގެއަށް ފޮނުވި ނޯޓިސް ފޮނުވަން ޖެހެނީ މަންޑޭލާގެ ގޭގެ ނަމްބަރާއި މަގުގެ ނަން ކިޔާ އެހެން ސަރަހައްދެއްގައި ހުރި ގެއަކަށް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މިނޯޓިސް މަންޑޭލާގެ ގެއަށް ފޮނުވެވުމުން ޖަހަނަސްބާގްގެ ސިޓީ ކައުންސިލުން ވަނީ މަންޑޭލާ އާއި މަންޑޭލާގެ އާއިލާގެ ފަރާތުން މައާފަށް އެދި ބަޔާނެއް ނެރެފައެވެ.
މަންޑޭލާގެ ގެއިން ފެނާއި ކަރަންޓް ކަނޑާލަން ނޯޓިސް ފޮނުވިއިރު މޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން މަންޑޭލާގެ ހާލު ވަރަށް ދެރަވެ ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން މަންޑޭލާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ