ސުޕްރީމް ކޯޓުން އަނެއްކާވެސް ލޯކަލް ކައުންސިލް އިންތިހާބު ވަގަށް ނެގުމަށްދަނީ ތައްޔާރުވަމުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސުޕްރީމް ކޯޓަށް މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
"ރިޔާސީ އިންތިހާބު ތިޔަބޭފުޅުން (ސުޕްރީމް ކޯޓު) އެހެން ހައްދަވައިފި، މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، މި އިންތިހާބުތައް އެބޭފުޅުންނަށް ގެއްލޭނެކަން ކަށަވަރުވީމާ ލިސްޓުގައި ސޮއިކުރަން ފަހަތަށް ޖެހިވަޑައިގަންނަވަނީ." ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ހެންވޭރުގައި ލޯންޗުކުރުމަށް ބޭއްވި ހާއްސަގައި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީގެ ލީޑަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދެއްވާކަން މާ ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދަރިން ކިޔަވަން ބައިތިއްބާފައި ތިބެނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ހަރަދުގައިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އަދި ސިޔާސީ ލީޑަރުން ފަނޑިޔާރުންނަށް ގޯތި ގެދޮރު ގަންދޭކަމާއި "ފަނޑިޔާރުން މުނިފޫހިފިލުވުމަށްޓަކައި ސިލޯނަށް ދަތުރުކުރައްވައިގެން އެކި ބާވަތް ބާވަތުގެ އުފާވެރިކަން ހޯއްދަވާ ކަން" ވެސް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ފަނޑިޔާރުންގެ މައްޗަށް ދޫކޮށްލާ މިއަދު "ހިހޫ ތަނުން ކާން ނިންމައި" ފަހަތަށް ޖެހިއްޖެނަމަ ރާއްޖެ ސަލާމަތްކުރުމަށާއި މިއެދޭ ތަރައްގީ ހޯދާން ނުހަނު އުނދަގޫވާނެ ކަމަށެވެ.
ނަޝީދު ވަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބުތަކަށް އެއްބަސްނުވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި އިންތިހާބުތަކަކީ އިލެކްޝަންސް ކޮމިޝަނުން ހިންގާން ޖެހޭ ކަމެއް ކަމަށާއި އޭގެ މައްޗަށް ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރު އަރައިގަތުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު އިސްވެ ހުންނަވައިގެން މިހާރު އެ އުޅުއްވަނީ ރައްޔިތުންގެ ވޯޓަށް އަރައިގަތުމަށެވެ. ރާއްޖެ ހަލާކުގެ ތެރެއަށް ގެންދިއުމުގައި ދިވެހި ތާރީހުގައި ސުޕްރީމް ކޯޓުގެ ދައުރު ލިޔެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރިމަތީގައި އޮތް ހުރަހަކީ ސުޕްރީމް ކޯޓާއި ރިޝްވަތުގެ ހުތުރު ފައިސާ ކަމަށާއި އިތުރު ހުރަހެއް އެމްޑީޕީގެ ކުރިމަތީގައި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އިންތިހާބުތަކުގައި އެމްޑީޕީގެ ތާއީދު ފެނިފައިވާއިރު އެކަންކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނަށް ހަޖަމް ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގާތުގައި ފާއިޒް އަމިއްލައަށް ވިދާޅުވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެނީއޭ، ފާއިޒު އުއްތަމަ ފަނޑިޔާރަކަށް ހެދުމުގެ ކުރީގައި އަޅުގަނޑު ގާތަށް، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުއްޓާ (ރައީސް އޮފީހަށް) ތަކުރާރުކޮށް ވަޑައިގެން ފާއިޒް ވިދާޅުވި ފަނޑިޔާރުން ވަރަށް ސާފުކަމާއިއެކީގައި ރިޝްވަތު ނަގައޭ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ ދުވަހު އުއްތަމަ ފަނޑިޔާރަކަށް ފާއިޒު ހައްދަވަނީ އެކަން ހުއްޓުވުމަށް ކަމަށް ފާއިޒު އަރިހު ވިދާޅުވި ކަމަށާއި ނަމަވެސް ފާއިޒް މިއަދު އެމަގާމުގައި އިންނަވައިގެން ރިޝްވަތު ލިބޭ ގޮތަށް މުޅި ދިވެހިރާއްޖޭގެ އާންމު އުސޫލުތަށް ހަރާބުކުރުމަށް މަސައްކުރައްވާއިރު އެކަމާއި އެއްޗެކޭ ނުބުނެ މަޑުން ތިބުމަކީ ކުށެއް ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓުން ހޮވަން ޖެހޭ ސަބަބަކީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށާއި ރައްޔިތުންގެ ވެރިކަމެއް ދެމެހެއްޓުމަށްޓަކައި ބޭނުންވާ އުސޫލުތަކަށް ގާއިމުކުރުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށާއި އެމްޑީޕީގެ ވާދަވެރިން ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމަށް އިދިކޮޅު ހެދި މިންވަރު ގިނަ ރައްޔިތުންނަށް ވަރަށް ސާފުކޮށް ހަދާން ހުންނާނެ ކަމަށާއި ހަމައެގޮތަށް ލާމަރުކަޒީ އުސޫލު ރާއްޖޭގައި ގާއިމުވެދިޔަ ނުދިނުމަށާއި 18 އަހަރުން މަތީގެ މީހުންނަށް ވޯޓުލިޔަ ނުދިނުމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަށާއި ރާއްޖެއަށް ތަރައްގީ ގެނައުމުގައި ވެސް ވާދަވެރިން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އިންތިހާބު ވަގަށް ނެގުމަށް ތައްޔާރުވާ ކަމަށް ވިދާޅުވެ ނަޝީދު ފާޑުވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ