ބާންލީގެ މައްޗަށް ކުރި ހޯދާ ޕްރިމިއަރ ލީގުގެ ފެށުން ޗެލްސީން ރަނގަޅުކޮށްފި

1-3 ގެ ނަތީޖާއަކުން ބާންލީގެ މައްޗަށް ކުރި ހޯދާ ޕްރިމިއަރ ލީގުގެ ފެށުން ޗެލްސީން ރަނގަޅުކޮށްފި އެވެ.
މި މޮޅާއެކު ޗެލްސީ މިވަގުތު އޮތީ 3 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ދެވަނައިގައި އޮތީ މެންޗެސްޓަރ ސިޓީ އެވެ. ޗެލްސީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ބާންލީން ވަނީ ޗެލްސީ އަށް ހައިރާންކަން ގެނުވާފަ އެވެ. ޓެއިލާ ދިން ޕާހަކުން މި ގޯލް މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްކޮޓް އާފީލްޑް އެވެ.
ނަމަވެސް މެޗުގެ 17 ވަނަ މިނެޓްގައި ޗެލްސީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ގޯލް ކާމިޔާބުކޮށްދިނީ މި ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީއަށް ގެނައި ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޯސްޓާ އެވެ. އަދި އޭގެ 4 މިނެޓްފަހުން ޗެލްސީން ވަނީ މި މެޗުގައި ލީޑްނަގާފަ އެވެ. މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެބްރިގާސް ދިން ރީތި ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އަންދްރޭ ޝޫލާ އެވެ.
އަދި މެޗުގެ 34 ވަނަ މިނެޓްގައި ޗެލްސީން ވަނީ އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްލާފަ އެވެ. ފެބްރިގާސް ނަގައިދިން ކޯނަރަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އިވަނަވޮޗް އެވެ.
މެޗުގެ ދެވަނަ ހާފްގައި ބާންލީއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް އެޓީމުގެ އާފީލްޑް ކުރިއަށް ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ކޯޓުއާ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި ޗެލްސީއަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ