މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ މިސަރުކާރުން ވަރުގަދަ ހާރިޖީ ސިޔާސަތެއްގެ ތެރެއިން ކަންކަން ކުރަމުން ގެންދާތީ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރަށް ދެ އަހަރުވުމާއި ގުޅިގެން ހާރިޖީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކާއި ކޮށްފައިވާ މަސައްކަތްތައް ހާމަކުރުމުގެ ގޮތުން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިނިސްޓަރު ދުންޔާ ވިދާޅުވީ ރާއްޖެއަށް މާޒީގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ފަދައިން އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން އެކަންކަމާއި ކުރިމަތިލައި ރާއްޖޭގެ އިސްލާމީ ވަހުދަތާއި އަމިއްލަވަންތަކަށް ހިފަހައްޓާ ދަމަހައްޓާނެ ކަމަށެވެ.
"މިދެންނެވި ގޮންޖެހުންތަކާއި އެކު ވެސް އަޅުގަނޑު ދަންނަވާނީ ރާއްޖެއިން ވަނީ ހާރިޖީ ދާއިރާގައި ބޮޑެތި ކާމިޔާބުތަކެއް ހޯދާފައި ކަމަށް،" ދުންޔާ ވިދާޅުވި އެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރަނީ ރައީސް ޔާމިންގެ ލަފާފުޅާއިއެކު ކަން ފާހަގަކުރައްވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ރީތިކޮށް ބޭއްވުމަށް މަސައްކަތް ކުރަންޖެހޭ މިނިސްޓްރީގެ ހައިސިއްޔަތުން ފޮރިން މިނިސްޓްރީން މިދިޔަ ދެ އަހަރު މުހިއްމު މަސައްކަތްތަކެއް ދިވެހި ގައުމުގެ ކުރިއެރުމަށް ކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު އެކުލަވާލާފައިވަނީ ގައުމީ މަސްލަހަތު ކުރިއެރުވުމަށް. ދިވެހިންނަކީ ފުދުއްތެރި އަދި އިގްތިސޯދީ ފުރުސަތުތައް ތަނަވަސްވެފައިވާ ފަހުރުވެރި ބަޔަކަށް ހެދުމަކީ އަޅުގނޑުމެންގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއް،" ދުންޔާ ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު ވިދާޅުވީ ގައުމުތަކާއި އެކު އޮންނަ ގުޅުން ބަދަހިކޮށް ބޭއްވުމަށްޓަކައި މިދިޔަ ދެ އަހަރުގެ ތެރޭގައި އެމިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އިގްތިސޯދީ ގޮތުން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދައިދެވޭނެ ގައުމުތަކާއި އެކު ވެސް މުހިއްމު މަޝްވަރާތައް ކުރެވިފައިވާ ކަަމަށެވެ.
ހާރިޖީ ދާއިރާގެ ކާމިޔާބަކީ ވަރުގަދަ ސިޔާސަތެއް އޮތުން: ދުންޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ