ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ގއ. ވިލިނގިލި، ވައިޖެހޭގެ، ޝަހީދު މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ޝަހީދުއަށް ރުހުން ދިނުމާއި މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ހުޅުވާލުމުން އޭނާ އަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި ވަކިގޮތަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
ޝަހީދުގެ ނަން ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ނިންމާފައިވަނީ އޭނާ ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރަން ރުހުން ދިނުމަށެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިދިޔަ އޮގަސްޓް މަހުގެ 19 ވަަނަ ދުވަހު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލީ ވެސް ޝަހީދު އެކަންޏެވެ.
ޝަހީދަކީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ ކޮއްކޮ އެކެވެ.
ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަންކުރަން ރުހުން ދިނުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޭނާ އެ މަގާމަށް އައްޔަންކުރައްވައިފިނަމަ ސީއެސްސީގައި ތިބެންޖެހޭ ފަސް މެންބަރުން ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ