ތަފާސްހިސާބު އެއްކުރާއިރު ހޯދާ މައުލޫމާތަކީ ސައްހަަ މައުލޫމާތަށް ވާންޖެހޭ: ޖިހާދު

ތަފާސްހިސާބު އެއްކުރާއިރު ހޯދާ މައުލޫމާތަކީ ސައްހަަ މައުލޫމާތަށް ވާންޖެހޭ ކަމަށާއި އެހެންނޫނީ ތަފާސްހިސާބު އެއްކުރުމުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ޖިހާދު ވިދާޅުވީ ތަފާސްހިސާބު އެއްކުރާއިރު އެންމެ ފުރަތަމަ ޖެހޭނީ ރަނގަޅު މައުލޫމާތު އެއްކުރަން ކަމަށާއި އެއަށްފަހު އެއްކުރާ މައުލޫމާތަކީ ސައްހަ މައުލޫމާތުތޯ ޔަގީންކުރަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ތަފާސްހިސާބު އެއްކުރުމުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
"ތަފަސްހިސާބު އެއްކުރާއިރު ފަރުވާތެރިކަމާއެކު އެއްނުކޮށްފިނަމަ އެ މައުލޫމާތު ސައްހައެއް ނުވާނެ. ރާއްޖެތެރެއިން ބައެއް ފޯމުތައް ފޮނުވާއިރު ހަަމައެކަނި ތާރީހު ބަދަލުކޮށްފައި ފޮނުވާފައި އެބަހުރި. އެހެންވީމަ އެ ބޭނުންކުރާ މައުލޫމާތަކީ ސައްހަ މައުލޫމާތައް ވާނެތޯ. އެކަން ކުރަން ޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކު. އެއީ ވަރަށް މުހިއްމު ކަމެއް،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ތަފާސްހިސާބު އެއްކުރާ މީހުންނަށް އެކަމާއިބެހޭ ތަމްރީނު ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ތަފާސްހިސާބު އެއްކުރާ ފަރާތްތަކަށް މިހާރަށްވުރެއް ބޮޑަށް ތަމްރީނު ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމަށް ބަޖެޓުގައި ފައިސާ ހިމަނަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަަމަށް ޖިހާދު ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ ތަފާސްހިސާބުތައް އެއްކުރުމުގައި މި ޒާމާނުގެ އާލާތްތައް ބޭނުންކުރަންޖެހޭ ކަމަށާއި އެގޮތުން އެކަންކުރުމުގައި މިޒަމާނުގެ ވަސީލަތްތައް ބޭނުންކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ތަފާސްހިސާބުތައް އެއްކުރާއިރު ހިސާބު ހަދާގޮތް މެނުއަލެއްގެ ސިފާގައި ލިޔެފައި ނުވަތަ ފެންނަން އޮންނަންޖެހޭނެ ކަމަށާއި އެހެންކަމުން ތަފާސްހިސާބުއެއްކުރާ ކޮންމެ ވުޒާރާއެއްގައިވެސް ތަފާސްހިސާބު އެއްކުރާ ގޮތުގެ މެނުއަލެއް އޮންނަންޖެހޭނެ ކަމަށެވެ.
"ސަރުކާރުން ވަރަށް ބޮޑެތި ހޭދަކޮށްގެން ތަފާސްހިސާބުތައް ތައްޔާރުކުރަނީ. މިއީ މޭޒުމަތީގައި ހިރަފުސް އަރުވަން ބާއްވަންޖެހޭ އެއްޗެއް ނޫން. އޭގެ އަލީގައި އަޅުގަނޑުމެން ބޭނުންވާ ދިރާސާއެއް އެކުލަވާލަންޖެހޭނެ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ޖިހާދު އިތުރަށް ވިދާޅުވީ ބޯހިމެނުމުގައި ހުރި މައުލުމާތުތައް ދޭތެރެ ދޭތެރެއިން މުތާލިއާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ބޯހިމެނުމުގެ މަގުސަދު ހާސިލްވާނީ އޭރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ