އިނގިރޭސި ފުޓްބޯޅަ ކްލަބް މެންޗެސްޓާ ސިޓީގެ މެއިން ސްޕޮންސާ ކަމަށްވާ އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ330 މަރުކާގެ ބޯޓު މިއަދު ދައްކާލައިފި އެވެ.
އަބޫ ދާބީ އިން ފުރައިގެން އެ ބޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ މިއަދު މެންދުރު 2:30 ހާއިރު އެވެ. އެ ބޯޓު އެއާޕޯޓަށް ޖެއްސުމާއެކު އެއާޕޯޓުން ވަނީ ވޯޓާ ސެލިއުޓަކާ އެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި ދައުލަތުގެ ވަޒީރުންގެ އިތުރުން އިއްތިހާދު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރު ކަމަށްވާ މެން ސިޓީގެ ކުރީގެ ކުޅުންތެރިޔާ މައިކް ސަމަބިލް ވެސް ބައިވެރިވި އެވެ.
އިއްތިހާދު އެއާވޭސް އިން އެންމެ ފުރަތަމަ ރާއްޖެއަށް އައިސްފައި ވަނީ އޭ320 މަރުކާގެ ބޯޓެކެވެ. އޭގައި ހުންނަނީ 140 މީހުންގެ ޖާގަ އެވެ. ނަމަވެސް އިއްތިހާދު އެއާވޭސްގެ މި ފްލައިޓަކީ 262 ގޮނޑީގެ ފްލައިޓެކެވެ. މި ފްލައިޓުގެ އިކޮނޮމިކް ކްލާހުގައި 240 ގޮނޑި އާއި ބިޒްނަސް ކްލާހުގައި 22 ގޮނޑި ހުންނަ އިރު އެ ބޯޓު ޑިޒައިންކޮށްފައި ވަނީ ގަދަ ނޫކުލައަކުން "ބްލޫ މޫން ރައިޒިން" ގެ ނަމުގަ އެވެ.އެ ފްލައިޓްގެ ދަތުރުތަކުގެ ފެށުން ފާހަގަކުރުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ އެ ބޯޓުގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އެ އެއާވޭސް އިން ބޭނުންވާ އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދޭން މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމާއި މުޅި ރާއްޖެއަށް އަދި އެއާޕޯޓަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު އިތުރު ކުރުމަށް އިއްތިހާދު އެއާވޭސް ވަރަށް ބޮޑު ރޯލެއް އަދާކުރަމުންދާ ކަމަށާއި އެއީ ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ.
އިއްތިހާދު އެއާވޭސްގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފަށާފައި ވަނީ 2011 ވަނަ އަހަރު އެވެ.
އިއްތިހާދު އެއާވޭސްގެ އޭ330 މަރުކާގެ ފްލައިޓް ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ