ޕީޕީއެމަކީ "އޮޕޮޒިޝަން ފައިޓިންގ ފޯސްއަކަށް" ހަދަން ތައްޔާރު – އުމަރު

ސަރުކާރާ އިދިކޮޅު ހަމައެކަނި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަކީ "އޮޕޮޒިޝަން ފައިޓިންގ ފޯސްއަކަށް" ހަދަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް ދެއްވި ޚާއްޞަ ބަނދީގަތުމެއްގައި އުމަރު ނަސީރު ވިދާޅުވީ، ހުންނެވީ އިދިކޮޅުގައި ކަމަށާއި، އެކަމާ ދޭތެރޭގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އުމަރު ވިދާޅުވީ، އުމަރު ޕީޕީއެމް އިން ފެނިގެންދާނީ އޭނާގެ ލީޑަރޝިޕްގެ ދަށުގައި، ޕީޕީއެމްގެ ސަފުތައް އަތުރާލާ ކަމަށްވާނަމަ ކަމަށެވެ. އަދި އެކަން ކުރައްވާނީ ޕާޓީ ރީ-ގްރޫޕްކޮށް، ރި-ބްރޭންޑްކޮށްގެން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ލީޑަރޝިޕްގެ ފަހަތަށް ޖަމާވާކަމުގައި ވަނީނަމަ، އަޅުގަނޑު މިހުރީ ރީ-ގްރޫޕްކޮށް، ރި-ބްރޭންޑްކޮށްގެން އޮޕޮޒިޝަން ފައިޓިންގ ފޯސްއަކަށް ރެޑީކުރަން ތައްޔާރަށް. އަޅުގަނޑަށް އެނގޭނެ އޮޕޮޒިޝަން ފައިޓިންގ ފޯސްއަކަށް ތައްޔާރުކުރަން. 2008 ވަނަ އަހަރު ޑީއާރުޕީ އޮތީ ހަމަ މިހާލަތުގައި، އޮއްވާ ހަމަ އަޅުގަނޑުގެ ލީޑަރޝިޕްގައި ފައިޓިންގ ފޯސްއަކަށް ބަދަލުކުރީވެސް." އުމަރު ނަސީރު ވިދާޅުވިއެވެ.
ނަމަވެސް ޕީޕީއެމްގެ ޢާއްމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ގުޅި، ހުރިހާ ސަކަރާތެއް ޖަހައި، މުޒާހަރާ ކޮށްދޭ މީހަކަށް ނުވެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އެއަށް އަޅުގަނޑު ރެޑީ، އެކަމަކު ހަމަ އަންނަގޮތަށް އައިސް ޕީޕީއެމްގެ ޢާއްމު މެންބަރަކަށްވެގެން އެތާ ވަދެ އިށީންދެ އެތާ އެ ހުރިހާ ސަކަރާތެއް ޖަހައި، މުޒާހަރާ ކޮށްދޭ މީހަކަށް އަޅުގަނޑެއް ނުވާނަން އިނގޭތޯ." އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މިކަމާ ދޭތެރޭގައި ޕީޕީއެމްގެ ލީޑަރޝިޕާ މަޝްވަރާ ކުރެވެމުންނެއް ނުދާ ކަމަށާއި، ނަމަވެސް ޕީޕީއެމްގެ ޢާއްމު މެންބަރުން އެކަމަށް އުމަރުގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
"ޢާއްމު މެންބަރުން އަޅުގަނޑަށް ވަރަށް ބޮޑަށް ގުޅާ އަންނާށޭ ބުނެ ހަދާ. ޢާއްމު މެންބަރުންގެ ތެރޭގައި އަޅުގަނޑަކީ ވަރަށް ގިނަ މީހުން ދަންނަ، ހުރިހާ މީހުންނާވެސް ގުޅޭ މީހެއް، ޢާއްމު މެންބަރުން ވަރަށް ބޮޑަށް އެކަމަށް މަސައްކަތް ކުރޭ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ޕީޕީއެމް އުފެއްދި އެންމެ އިސް ތިން މީހުން ތެރޭގައި އުމަރު ހިމެނިވަޑައިގަންނަވާނެ ކަމަށާއި، އޭނާގެ އިތުރުން ދެން އެންމެ އިސްކޮށް އުޅުއްވީ ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ރައީސް މަޢުމޫން ކަމަށެވެ. އަދި ޕީޕީއެމް އަކީ ކުއްލިއަކަށް އުފެދުނު ޕާޓީއެއް ނޫން ކަމަށާއި،  ވަރަށް ބޮޑު ހަރަކާތެއްގެ ތެރެއިން އުފެއްދި ޕާޓީއެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"ޑީއާރުޕީން، ޒެޑް ޑީއާރުޕީން، އިހުތިޖާޖް ކިޔާ ހަރަކާތަކުން އައިސް އަންނިގެ ހަރަކާތް ނިންމާ ހަރަކާތުން އުފެއްދި ޕާޓީއެއް.  ޕީޕީއެމް އުފެއްދުމުގައި އެންމެ ބޮޑު ރޯލް ކުޅުނު އެކަކު އަޅުގަނޑަކީ. އަޅުގަނޑުގެ އޮފީހުގައި ޕީޕީއެމް އުފެއްދީވެސް. އެހެންވީމަ އަޅުގަނޑަކީ އަސްލު ޕީޕީއެމްގެ މީހެއް، އެކަމަކު އަޅުގަނޑު ޕާޓީން ކަނޑާލާފަތާ މިހުރީ." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ޕާޓީ އުފެއްދުމާ އުމަރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ނަމަވެސް އެއީ ނުހައްޤުން ޕާޓީ އަތުލަފާނެތީ ކުރާ ކަމެއް ކަމަށް އަދި އެއީ ކުރަން ޖެހޭވެސް ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ