ގޮނޑި ކާމިޔާބު ކުރެއްވޭނެކަމުގެ ޔަޤީންކަމާއިއެކު މެމްބަރު ޔާމީން މިފަހަރު މަޑުއްވަރީ ދާއިރާއަށް!

އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންޠިހާބުގައި އެމް.ޓީ.ޑީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރު ވެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މެމްބަރު ޔާމީން ރަޝީދު ނިންމަވައިފިއެވެ.
 
އެގޮތުން އެމް.ޓީ.ޑީގެ ޓިކެޓު ހޯދެއްވުމަށް ޔާމީން ރަޝީދު މިހާރުވަނީ އެ ޕާޓީއަށް ހުށައަޅުއްވާފައެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ އެމް.ޓީ.ޑީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މެމްބަރު ޔާމީން ރަޝީދު 'އެމް.ޓީ'އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ދާއިރާގެ ގޮނޑިއަށް ނިކުންނަ ފަރާތްތަކަށް ބަލާއިރު ގޮނޑި ކާމިޔާބު ކުރެއްވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.
 
ޔާމީން ރަޝީދު މިހާރުވަނީ އޭނާގެ ކެމްޕެއިންގައި ހަރަކާތްތެރިވާނެ ކެމްޕެއިން ޓީމެއްވެސް އެކުލަވާލާފައެވެ. މި ޓީމުގެ އިސްކޮށް ހަރަކާތްތެރިވަނީ މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާނެކަމަށް ކުރިން އަޑުފެތުރުނު މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސޯދިޤުއެވެ.
 
ޔާމީން ރަޝީދުގެ އިތުރުން މިހާރު މަޑުއްވަރީ ދާއިރާގެ ގޮނޑީ ފުރުއްވަމުން ގެންދަވާ މުހައްމަދު އަމީތު ދެ ވަނަ ދައުރަކަށް ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލެއްވުމަށްވަނީ ނިންމަވާފައެވެ. ހަމައެއާއިއެކު ޕީ.އެން.ސީގެ ޓިކެޓުގައި ކުރީގެ ނައިބު ޑިފެންސް މިނިސްޓަރު އަދި އެ ޕާޓީގެ ނައިބު ރައީސް އާދަމް ޝަރީފްވެސް މަޑުއްވަރީ ދާއިރާއަށް ކުރިމަތިލައްވާނެއެވެ. އެމް.ޑީ.ޕީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލަނީ އާދަމް ޝިހާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ