ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުން މިވަނީ ނިންމާފައި ކަމަށާއި ރައްޔިތުންގެ ނިންމުން އެހެން ގޮތަކަށް ބަދަލުކުރަން ތެޅިފޮޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުގައި 11 މަހާއި 28 ދުވަހު ހުންނެވުމަށްފަހު އެނބުރި މިއަދު ރާއްޖެވަޑައިގެން ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގެ މޫސުމާއި އޮއިވަރާއި ހުރިހާ ކަމެއް ރައްޔިތުން މިވަނީ ބަދަލުކޮށްފައި ކަމަށާއި އެކަންކަން ހަޖަމު ނުކުރެވިގެން ބަޑިބަޑި ޖަހަން އުޅުނު ނަމަވެސް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އެކަން ކުރަން ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށެވެ. "ގައިން ހުޅުނބު ދަމުން ދަމުން ގޮސް ހުސްވާނީ. އަޅުގަނޑުގެ އިލްތިމާސަކީ ބައަކު ކޮންމެ ކަމެއް ކުރި ނަމަވެސް ރައްޔިތުން ކެތްތެރިވުން. ޤާނޫނާ ޚިލާފަށް ކަންކަން ކުރީމާ ފަހަތުން ކަންކަން ކުރުމުން އެކުރެވެނީ ހަމަ ޤާނޫނާ ޚިލާފް ކަންކަން. ކަންކަން އިޞްލާޙްކުރަން ނުކުންނަ ބައަކު އެގޮތަށް ކަންތައް ކުރީމާ އެދެވެނީ އިޞްލާޙާ ދުރަށް."
ޤާސިމް އިބްރާހީމް ވިދާޅުވީ ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ކުށްވެރިކުރަން ވާހަކަ ދެއްކުމަކީ ކުރާ ކުށެއް ކަމަށާއި ރައްޔިތުން ބަސް ބުނެފައިވަނީ ރައްޔިތުންނަށް ލިބުނު ޚިދުމަތްތަކަށް ބަލައި އެމީހުންނަށް ޤަބޫލު ކުރެވޭ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. "ރަނގަޅަށް ކަންތައްތައް ނުކުރީމާ ރައްޔިތުން ނޫނެ ކޭބުނީ. ކަންތައްތައް ކުރީ ވަރަސް ގޯސްކޮށްނޭ އިނގޭތޯ. ކަންތައްތައް ކުރީ ވަރަށް އަނިޔާވެރިކޮށް. ވަރަށް ބޮޑަށް ބޭއިންޞާފުން ކަންތައްތަ ކުރީ. ބައިވަރު ވައްކަން ކުރީ. ރައްޔިތުންނަސް އަނިޔާވެރިވީ. ކޮންމެ ކަމެއްވެސް ކުރީ ކޮރަޕްޝަން ހިމަނައިގެން. ކޮންމެ މަޝްރޫއެއް ހިންގީވެސް އެތައް ގުނައެއް ބޮޑުއަގުގާ."
ޤާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބު ބާއްވާފައިވަނީ ޕާޓީތަކުގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ޖަލުގައި ބަންދުކޮށްފައި ބައިތިއްބައިގެން ކަމަށާއި އެހެންކަމާއިއެކުވެސް އިންތިޚާބު ކޯލިޝަނަށް ކާމިޔާބު ކުރެވި އެބޭފުޅުން މިއަދުވަނީ މިނިވަންވެވަޑައިގެންފައި ކަމަށެވެ.
ރައްޔިތުން މިވަނީ ގޮތް ނިންމައިފަ - ބަދަލުކުރަން ތެޅިފޮޅުނު ވަރަކަށް ދާނީ ހުޅުނބު: ޤާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ