މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމުން މާތް ﷲ ގެ ވާގިފުޅާއިއެކު މަޖިލީހުގެ ތެރެއިން ރައްޔިތުން އެދޭކަންކަން ރައްޔިތުން އުފާވާވަރަށް އިންޞާފުވެރިކަމާއިއެކު ފުރިހަމަވަމުންދާތަން ރައްޔިތުންނަށް ފެންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ކޯލިޝަންގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމަށްފަހު ޤާސިމް އިބްރާހީމް ވިދާޅުވީ ކުރައްވާނެ ކަންކަން ހާމަކުރައްވަން އަދި މާ އަވަސް ކަމަށާއި ނަމަވެސް މަޖިލީހުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނީ ޤާނޫނުތަކާއި މަޖިލީހުގެ ޤަވާއިދުތަކާއި އަދި ޑިމިކްރަސީގެ ހަމަތަކުގެމަތިން ކަމަށެވެ. "އަޅުގަނޑުމެންގެ މައިގަނޑު އަސާސަކަށްވެސް ނަގާފައިވާނީ ހުރިހާ ކަމެއްވެސް އިންޞާފުގެ މަގަށް ގެންދިއުން. އިންތިޚާބީ ރައީސް އާއި ނައިބް ރައީސްގެ ވެސް އެންމެ ބޮޑު ބޭނުންފުޅަކަށްވާނީ އެމަގަށް ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިއުންކަން ކަށަވަރު."
ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ މިކަމުގައި މާގިނަ ވާހަކަތައް ދައްކަންވީ ވަގުތު ނޫން ކަމަށާއި މަސައްކަތްތައް ފެށި ކުރިއަށްދާން ފެށުމުން ކަންކަން ކުރިއަށްދާ ގޮތުގެ އެންމެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށާއި މީޑިއާތަކަށް ދެއްވަމުން ގެންދަވާނެ ކަމަށެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަން ފާހަގަ ކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާނެ ކަމަށެވެ. "އަޅުގަނޑަކީ ހަމަޖެހިފައިވާ ހަމަޖެހިފައި އޮންނަ އުޞޫލުން ކަންކަން ކުރިއަށް ގެންދަން ބޭނުންވާ މީހެއް. ވަރަށް ގިނަ ބައަކު ދަނީ ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލުމަށް އެދެމުން. އަދި އަޅުގަނޑު ފަށާފައިވާ އިޞްލާޙީ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމުމަކީ އަޅުގަނޑުގެ އަމިއްލަ ނަފުސުވެސް އެކަމަށް ވަރަށް ބޮޑަށް އެދޭ ކަމަކަށްވާތީ އަޅުގަނޑު ކުރިމަތިމިލަނީ. "އެކަން މިކުރަނީ އިންތިޚާބީ ރައީސް އަށާއި ނައިބް ރައީސަށް އަދި ދިވެހިރައްޔިތުންނަށް ވެސް އެހީތެރިވެދިނުމަށާއިވެސް އެކީގަ."
ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):
މަޖިލީހުގެ ތެރެއިން ރައްޔިތުން އެދޭކަންކަން ރައްޔިތުން އުފާވާވަރަށް ފުރިހަމަވަމުންދާތަން ފެންނާނެ: ޤާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ