ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި އެކިއެކި ރަސްމިއްޔާތުތަކުގެ ކަންކަން ހަމަޖެއްސުމަށް ސްޓްރާޑާއާ ހާވާލުކޮށް، ހައުސިން މިނިސްޓްރީގެ ބަޖެޓުން 44 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ހާމަވާ ލިޔުންތަކެއް އާއްމުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގެ ބަޖެޓުން ސްޓްރާޑާއަށް މި ފައިސާ ދީފައިވަނީ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި، ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގެ އިންތިޒާމުތައް ހަމަޖައްސާފައިވާތީ ކަމަށް ވެއެވެ.
ލީކު ކޮށްލާފައިވާ ލިޔުންތަކުގައި ވަނީ ނިއުޕޯޓާއި، ޗާޓައިމާއި އަދި އިވެންޓްކޯވެސް ހިންގަމުން ގެންދާ ސްޓްރާޑާ ކުންފުންޏަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން 44 މިލިއަން ރުފިޔާ އެކިފަހަރުގެ މަތިން ދޫކޮށްފައިވާ ކަމަށެވެ. ހައުސިންގެ އިތުރުން ހޯމް މިނިސްޓްރީގެ ބަޖެޓުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރިކަމަށް ވެސް މި ލިޔުންތަކުން ހާމަވެއެވެ.
މި ލިޔުންތަކުން އެނގޭގޮތުގައި ސަރުކާރުން ނިމުން ފާހަގަކުރި ބޮޑެތި ހުރިހާ އިވެންޓްތައް ހަވާލުކޮށްފައި ވަނީވެސް އެ ކުންފުންޏާއެވެ. އެގޮތުން ސިނަމާލެ ބުރިޖް ހުޅުވުމުގެ ރަސްމިއްޔާތު މިދިޔަ އޮގަސްޓް މަހު ބޭއްވި އިރު އެ ހަފްލާގެ ގިނަ މަސައްކަތްތައް ހަވާލުކޮށް ހަވާއެރުވުމާއި ސައުންޑާއި ލައިޓާއި އަދި ވައިގެ މަގުން ސާމާނު ގެނައުމާއި، ހަވާ އެރުވި މީހުން ގެންނަށް ފުލައިޓް ޗާޓާކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާކަން ލީކުކޮށްފައިވާ ލިޔުންތަކުން އެނގެއެވެ.
އެގޮތުން ބުރިޖު ހުޅުވުމުގެ ހަފްލާގެ ހުރިހާ ކަމަކަށް 36 މިލިއަން ރުފިޔާ ސްޓްރާޑާއަށް ދިންކަމަށް މި ލިޔެކިޔުންތަކުން އެނގެއެވެ. މި ހަރަދުތަކަށް ބަލާއިރު ހަވާ އެރުވުމުގެ އެންމެހާ މަސައްކަތަށް 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ސެޓަޕް، ލައިޓިން، ސައުންޑަށް ދެފަހަރެއްގެ މަތިން ފައިސާ ދީފައިވާކަން ހާމަވެއެވެ. އެގޮތުން ފުރަތަމަ ފަހަރު 4.8 މިލިއަން ރުފިޔާއާއި ދެވަނަ ބުރުގައި ސަގާފީ ހަރަކާތްތައް ހިމަނައިގެން 11.2 މިލިއަން ރުފިޔާއާއި ހަވާ އެރުވުމަށް ބޭނުންވާ ސާމާނަށް 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ލީކުވެފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.
މީގެ އިތުރުން ބުރިޖު ހުޅުވުމަށް ދުބާއި، އެމެރިކާ، އޮސްޓްރިއާ އަދި ސައުދީން އެއާ ފްރެއިޓްކޮށް ގެނައި ސާމާނަށް 6.1 މިލިއަން ރުފިޔާ އާއި ހަވާ އެރުވުމާއި އަލިފާނުގެ ކުޅިވަރު، "ތެންކްޔޫ ޕްރެޒިޑެންޓް ޝީޖިން ޕިން، ބްރާވޯ ޕްރެސިޑެންޓް ޔާމީން" އެޅުމަށް 7.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
މީގެ އިތުރުން ހާބަރު ފުޑް ކޯޓު ހުޅުވުމާއި، ކެމްޕޭން ތެރޭގައި ރައީސް ކުރެއްވި ދަތުރުފުޅުތަކުގައި ހުޅުއްވައިދެއްވި ބަނދަރުތަކާއި ރަސްރަނީގައި ހެދި ވިންޓާ ޕާކް ހުޅުވުމުގެ ރަސްމިއްޔާތަށްވެސް ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކޮށްފައި ވާކަން މި ލިޔުންތަކުން އެނގެއެވެ. އަދި މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކަށްވެސް ހޯމް މިނިސްޓްރީން ސްޓްރާޑާއަށް ފައިސާ ދީފައި ވާކަން ލިޔެކިޔުންތަކުން ފާހަގަވާން އެބަހުއްޓެވެ.
ސްޓްރާޑާއަށް މިލިއަނުން ފައިސާ ދީފައިވާކަމުގެ ލިޔުންތަކެއް ލީކުކޮށްލާފައި ވާއިރު، އެ ކުންފުނީގެ ދަށުން ބުރިޖުވިއު ޕްލެޓްފޯމް ކައިރީގައި ހެދި ޗާޓައިމް، ރިންގް ރޯޑް ތަަރައްގީ ކުރުމަށް ތަޅާލުމުން ބަދަލުގެ ގޮތުގައި އަވަސް އަރުވާލައިގެން 15 މިލިއަން ރުފިޔާ ދޭން އުޅުނު މައްސަލައެއް އޭސީސީން ވަނީ ހުއްޓުވާފައެވެ.
ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ގިނަ އަދަދެއްގެ ފައިސާ މިނިސްޓްރީގެ ބަޖެޓުން ދިންކަމަށް ލިޔުންތަކެއް ލީކުވެފައި ވާއިރު، މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި މި ވާހަކަތަކާއި ގުޅިގެން މިހާތަނަށް އެ މިނިސްޓްރީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ އިތުރުން ސްޓްރާޑާއިން ފޯނު ނުނަގާތީ އެތަނުގެ ކޮމެންޓެއް ލިބޭނެގޮތްވެސް ވަނީ ނުވެފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނާގޮތުން، ޕްރޮކިއުމެންޓެއްގެ އަގު 35،000 ދިވެހި ރުފިޔާއިން ފެށިގެން 2.5 މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމަ، އެކަމެއް ކުރުމަށް ހުއްދަ ދޭނީ ބިޑް ކޮމިޓީން ނިންމާ ގޮތެއްގެ މަތިން، އެ އޮފީހެއްގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ހުއްދަ ދީފައިވާ ފަރާތެކެވެ. އަދި 2.5 މިލިއަނަށް ވުރެ އަގުބޮޑުވާނަމަ، އެކަމަށް ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައި އެ ނިންމުމާ އެއްގޮތަށް އެ އޮފީހުގެ އެންމެ އިސްވެރިޔާއެވެ.
ސްޓްރާޑާ އަށް މި ފައިސާ ދޫކޮށްފައި ވަނީ މި އުސޫލުގެ ތެރެއިންކަން ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ.
ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް މިލިއަނުން ފައިސާ ދޫކުރިކަން ހާމަވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ