ކޮރަޕްޝަނަށް މަގުފަހިވާ ނިންމުމެއް ބަލައެއް ނުގަނެވޭނެ: މައުމޫން

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިންމާ އެއްވެސް ނިންމުމެއް ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އޮފީސް ޓެގްކުރައްވައި، މައުމޫން ކުރެއްވި ޓުވީޓް އަމާޒުކުރެއްވީ ސީދާ ކޮން ކަމަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު އެމަނިކުފާނުގެ ޓްވީޓް މިއައީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް އާންމުކުރަންވާނެ ކަމަށް، މަޖިލިހުގެ ގަވާއިދުގައި އޮތް އޮތުން ބަދަލުކުރުމާ އެކު އެވެ.
މައުމޫންގެ ޓްވީޓްގައި ވިދާޅުވީ "އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި "އެއީ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑައެޅިގެން ހިލާފު ކަމެއް" ކަމަށް ވެސް ލިއުއްވި އެވެ.
އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑަ އެޅިގެން ޚިލާފު ކަމެއް . @presidencymv @ACC_Maldives @MRM_Office— Maumoon Abdul Gayoom (@maumoonagayoom) July 2, 2020
ޒީރޯ ޓޮލަރެންސަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން އެކުލަވާލި މަޖިލިހުގެ ގަވާއިދުގައި ކުރިން އޮތީ މެމްބަރުންގެ އިތުރުން މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް އާންމުކުރަންވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ފާސްކުރީ، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމުކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު އެ ބަޔާންތައް ވެސް މަޖިލިހުގެ އަމީންއާންމަށް ހުށައެޅުމުން، އޭގެ ކޮޕީ އޮޑިޓަ ޖެނެރަލްއަށް ފޮނުވަން ޖެހެ އެވެ.
ގަވާއިދުގައި އޮންނަ ގޮތުން އަދިވެސް މެމްބަރުންގެ މާލީ ބަޔާން އާންމުކުރަން ޖެހެ އެވެ.
Memberunge anbidharin ge maalee bayaan haama nukuraa islaahu faaskoffi
Mihaaru
މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް އިސްލާހު ގެނައުމުން، ބައެއް މީހުންގެ ފާޑުކިއުން އަމާޒުވި އެވެ. އެކަމަކު އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ އިއްޔެ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެހެން ހުރިހާ މުއައްސަސާތަކާ ހިލާފަށް މަޖިލިހުގެ މެމްބަރުންގެ އަނބިން/ފިރިންނާއި ދަރިންގެ މާލީ ބަޔާން މަޖިލިހަށާއި އޮޑިޓަ ޖެނެރަލަށް ހުށައަޅަން ނިންމީ މި މަޖިލިހުންނެވެ.
"އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމެއް، ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ މަޖިލިސް ހިންގާކަން ރައްޔިތުންނަށް ދައްކައިދޭތީ،" އިއްޔެ ޖަލްސާގައި އިންތި ވިދާޅުވި އެވެ.
"ދައުލަތުގެ އެއްވެސް މުއައްސަސާއެއް، އެއްވެސް މުއައްސަސާއަކުން ނުކުރާ މިންވަރެއް. ފަނޑިޔާރަކު ވެސް މިދަރަޖަށް ހާމަކުރައްވަނީއެއް ނޫން، އަނބި ދަރިންގެ މާލީ ބަޔާންތައް ހުށައަޅުއްވަން ޖެހިވަޑައިގަންނަވަނީކީ ނޫން. ނޫނިއްޔާ ވަޒީރުންނަށް ޖެހެނީކީ ނޫން، ކުންފުނިކުންފީގެ ވެރިންނަށް ޖެހެނީކީ ނޫން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ