ބޮޑުއަގުގަ ފެހި ގަމީސް ދޫވެއްޖެ ނަމަ ފަތިޖަހައި ހެޔޮވަރުކޮށްލަނީއެވެ! ހިތް ނޭދޭކަމެއް ދިމާވުމުން އަނބިމީހާ ވަރިކޮށްލަނީ ކީއްވެ؟

ބާޒާރަށް ބަލައިފިނަމަ މީޓަރެއް 200 ޑޮލރަށްވެސް ގަންނަން ނުލިބޭ ފޮތި އެބަހުއްޓެވެ. އަދި ހަމަ އެފޮތި މީހުން ގަނެ ހުސްވެސް ކުރެއެވެ. 99 އިންސައްތަ މީހުން ފައްސާނީ ފަހާ މީހަކާ ޙަވާލުކޮށްގެންނެވެ. 
ވިސްނާލަން ޖެހޭ ކަމަކީ ކިތަންމެ ބޮޑު އަގުގައި ފޮތި ގަނެގެން ކިތަންމެ މޮޅަށް ފަހާ މީހަކު ލައްވައި ފެއްސުވި ނަމަވެސް އަޅުގަނޑުމެން ފައްސުވާ ކޮންމެ ހެދުމެއް ގައަށް ހެޔޮވަރު ނުވާކަމެވެ. ފަތިޖަހާލަން ޖެހޭކަމެވެ. އަދި ތަންކޮޅެއް މޮހެލާފައި ދޫކޮށްލަންވެސް ޖެހިދާނެއެވެ. 
ނަމަވެސް މިފަދަ އެއްވެސް ޙާލަތެއްގައި ފެއްސި ހެދުން އެއްލައެއް ނުލަމުއެވެ. ފަތިޖަހައި ހެޔޮވަރުކޮށްލަނީއެވެ. ކޮންމެ ގޮތަކުންވެސް މަސައްކަތްކުރަނީ ލާންކަމުދާ ފެންވަރަކަށް ކަންކަން ރަނގަޅުކޮށްލައި ހެދުމުގެ ބޭނުންހިފުމަށެވެ. 
ބުނަންހެއްޔެވެ؟ ފެހި ހެދުން ގައަށް އެންމެ ހެޔޮވަރު ނުވި ނަމަވެސް ފޭރާން ރީތިނަމަ ހެދުން ރީތިވާނެއެވެ. ލައިގެން ހުންނައިރު ހަމަ ތިބާއަށްވެސް އެހެދުމުގެ ރީތިކަން އިޙްޞާޞްކުރެވޭނެއެވެ. އެހެން މީހުންގެ ތަޢްރީފްވެސް ލިބޭނެއެވެ.
ކައިވެނީގައިވެސް އޮތީ ހަމަ މިގޮތެވެ. އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ތިބާއަށް އެންމެ ބޭނުންވާ ހުރިހާ ސިފަތައް ނެތް މީހަކަށްވެސް ވެދާނެއެވެ. ބައިވެރިޔާގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެނަމަ އެކަމެއް އިޞްލާޙްކޮށްލަން މަސައްކަތްކުރާށެވެ. މާތް ﷲ ވާގިފުޅާއިއެކު ކަންކަން ދާނީ ރަނގަޅުވަމުންނެވެ. އެކަމުގެ ހިތްހަމަޖެހުން ދާނީ ލިބެމުންނެވެ. 
ގައަށް އެންމެ ހެޔޮވަރު ނޫން ހެދުމެއް ލިބުމުން އަމަލުކުރިގޮތް މިސާލަކަށް ބަލާށެވެ. އެކަން އެގޮތަށް ބަލަންޖެހެނީ ކީރިތި ޤްރްއާނުގައި "ދެމަފިރިންނަކީ ވެސް އެކަކު އަނެކަކަށް ހުރި ލިބާހެއް" ކަމަށް މާތް ﷲ ބަޔާންކުރައްވަވާފައިއޮތުމުންނެވެ.
އެފަދައިން ވަޙީކުރައްވަވާފައި އެވަނީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަކު އަނެކެއްގެ އުނިސިފަތައް ފޮރުވައިދީ އިޞްލާޙްކުރަން މަސައްކަތްކުރަން ޖެހޭނެތީއެވެ. އެކަމުގައި ދެމީހުންވެސް އެކަކު އަނެކަކަށް އެއްބާރުލުންދީ އެހީތެރިވެދޭން ޖެހޭނެއެވެ. 
"އެކަނބަލުންނީ (އަނބިންނަކީ) ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ." (ސޫރަތުލްބަޤަރާ- 18)  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ