ސްވިސް އެއާލައިނަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

ސްވިޒަލޭންޑްގެ އެޑެލްވައިސް އިން މިމަހުގެ 26 ގައި ރާއްޖެއަށް ދަތުރު ފަށަން ނިންމައިފި އެވެ. ޒިއުރިކް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެ އެއާލައިނުން ހަފްތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ނިންމައިފަ އެވެ. ސްވިޒަލޭންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޮޕް މާކެޓުގެ ތެރޭގައި ސްވިޒަލޭންޑު ހިމެނޭއިރު މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ސްވިޒަލޭންޑުން 9،291 ފަތުުރުވެރިން އައިސްފައިވެ އެވެ. އެޑެލްވައިސް އިން ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާއިރު އެ އެއާލައިނުގެ ޗީފް ކޮމާޝަލް އޮފިސަރު ޕެޓޭމަން ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ހިތްގައިމު މަންޒިލް ކަމަށާއި ޕްރައިވަސީ އާއެކު ހިތްހަމަޖެހިގެން ޗުއްޓީ ހޭދަކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލިފަހުން ކުރރިން ދަތުރުކުރަމުންދިޔަ ގިނަ އެއާލައިން ތަކަކުން އަންނަނީ އަލުން ދަތުރުތައް ފަށަމުންނެވެ. ރަޝިއާގެ އޭރޯފްލޯޓުން ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭ ރާއްޖެއަށް ދަތުރު ފަށައިފަ އެވެ. މީގެ އިތުރުން ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު، އިންޑިގޯގެ އިތުރުން ޓާކިޝް އެއާލައިންް، ސްރީލަންކަން އަދި އެއާ އިންޑިއާ އިން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ