ރައީސް ނަޝީދަށް ދެވުނު ހަމަލާ ގާސިމް އިބްރާހިމް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުއަށް އަމާޒުކޮށް ދެވުނު ހަމަލާ، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި، މިހަމަލާ ވީހާވެސް އަވަހަކަށް ތަހްގީގުކޮށް ލަސްނުކޮށް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައި ވެއެވެ.
ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާ ގާސިމް އިބްރާހިމް ކުށްވެރި ކުރެއްވިއިރު، މި ހަމަލާއާ ގުޅިގެން ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި، އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.
ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭގެ ވަގުތެއްގައި ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ކާރުކޮޅު ކައިރިން ނުރައްކާތެރި އެއްޗެއް ގޮވައި އެމަނިކުފާނަށް އަނިޔާ ލިިބިވަޑައިގެންނެވި ޚަބަރަކީ ފުން އަސަރު ކުރިވި ހިތާމަވެރި ހަބަރެއް ކަމަށެވެ.
މިއަމަލު ކޮށްވެރިކޮށް، މިކަމުގެ ހަގީގަތް ވިހާވެސް އަވަހަކަށް ހޯދައި، ކަމާބެހޭ ފަރާތްތަކުން މިކަން ތަހްގީގުކޮށް ބެލުމަށް ޖޭޕީން ގޮވާލާފައި ވެއެވެ.
އަދި ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް، މި ފިނޑި އަމަލު ހިންގާފައިވަނީ ކޮންމެ ފަރާތެއް ކަމުގައިވީނަމަވެސް އެ ފަރާތެއް ގާނޫނުގައި ވާގޮތުގެމަތިން ޝަރީއަތަށް ހާޟިރުކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވީހާވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކުން ތަހްގީގު ފެށުމަށްވެސް ގޮވާލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ