ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޯރގެ އިސްވެރިން މައުމޫން ފައުންޑޭޝަނަށް ޒިޔާރަތްކޮށްފި

މިހާރު މާލެ ވަޑައިގެން އުޅުއްވާ ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޯރގެ އެންމެ އިސްވެރިން މިއަދު މައުމޫން ފައުންޑޭޝަނަށް ޒިޔާރަތް ކުރައްވައިފިއެވެ.
މިބޭފުޅުންގެ ތެރޭގައި ރޯޔަލް އިންސްޓިޓިއުޝަންގެ ޗެއަރމަން އަދި ފައުންޑިންގ ޕްރެޒިޑެންޓް ފެލޯ ޑރ. އަންގ ތިއަން ސޫ، ޗާންސެލަރ ފެލޯ ޑރ. ސެމުއަލް އެމް. ސެލްވަޑޯރ އާއި އެ އިންސްޓިޓިއުޝަންގެ ޕްރެޒިޑެންޓް ޑރ. އެތީނާ ޖޯޖީން އަންގ ހިމެނިވަޑައިގަންނަވައެވެ. އަދި އެ އިންސްޓިޓިއުޝަންގެ ފެލޯ ޢާއިޝަތު ރަފީޢާވެސް އެބޭފުޅުންގެ އަރިހުގައި ވަޑައިގެންނެވިއެވެ.
މައުމޫން ފައުންޑޭޝަންގެ ފަރާތުން އެބޭފުޅުންނާ ބައްދަލުކުރެއްވީ، ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫން އާއި، ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޢަލިމަނިކާއި، ޚަޒާންދާރު އާދަމް ނަޢީމާއި، ސެކްރެޓަރީ މުޙަންމަދު އިޤްބާލްގެ އިތުރުން ހިންގާ ކޮމިޓީގެ މެންބަރު ޔުމްނާ މައުމޫނެވެ.
މިބައްދަލުކުރެއްވުމުގައި ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޯރގެ އޮނަރަރީ ފެލޯގެ ޝަރަފް ދެއްވިކަމަށްޓަކާ، ރައީސް މައުމޫން އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެއީ މައުމޫން ފައުންޑޭޝަނަށް ވެސް ލިބިގެންދިޔަ ޝަރަފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މައުމޫން ފައުންޑޭޝަނުގެ މަޤްޞަދުތަކާ ބެހޭގޮތުންނާއި މި މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ފައުންޑޭޝަނުން މިހާތަނަށް ކުރައްވާފައިވާ ކަންތައްތައް، ރައީސް މައުމޫން އެބޭފުޅުންނާ ޙިއްސާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޯރ އާއި މައުމޫން ފައުންޑޭޝަނާއި ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ އިންސްޓިޓިއުޝަނުން މައުމޫން ފައުންޑޭޝަނަށް ބައެއް ސްކޮލަރޝިޕް ހޯއްދަވައިދެއްވާނެ ކަމުގެ އިޝާރާތެއްވެސް އެ އިންސްޓިޓިއުޝަންގެ ބޭފުޅުން ދެއްވާފައިވެއެވެ.
އަދި މިކަމާ ބެހޭގޮތުން ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޯރ އާއި މައުމޫން ފައުންޑޭޝަނާ ދެމެދު މެމޮރޭންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކުރުމާމެދު ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ