ހަވީރު މުވައްޒަފުންނާއި ބެހޭގޮތުން ސިވިލް ކޯޓުން ކުރީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް، ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ، ސިވިލް ކޯޓުގެ އަމުރާ ހިލާފުވެއްޖެނަމަ، ހަވީރު ނޫޙުގެ ކުރީގެ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، ސިވިލް ކޯޓުން ކުރި އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ބަޔާނުގައި ވަނީ، ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން އެހެން މީޑިޔާއެއްގައި މަސައްކަތްކުރާނަމަ، އެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާއިރު، ނޫސްތަކާއި މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުން ވަކި ތަނެއްގައި މަސައްކަތްކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީންނާއި އަދި މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނަކުން ހޯމް މިނިސްޓްރީއަށާއި ދައުލަތުގެ އެއްވެސް ވުޒާރާއަކަށް ލިބިދީފައިނުވާކަން ފާހަގަކޮށްފައެވެ.
"މިއީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމެއްނެތި، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށްކޮށްފައިވާ އަމުރެއްކަން ފާހަގަކުރެވެއެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި އަމުރަކީ މިހާރު އަމަލުކުރާ ގާނޫނުތަކަށް ރިއާޔަތްކުރާއިރު، ތަންފީޒުކުރެވޭނެ އަމުރެއް ނޫންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ ސުޕްރީމް ކޯޓުގެ ރޫލިންއެއްގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށާއި، މިފަދަ އަމުރެއް ސިވިލް ކޯޓުން ކުރިއިރު، މި އަމުރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދާފައި ނުވުމަކީ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ނެޗުރަލް ޖަސްޓިސްގެ އުސޫލެއް ކަމަށްވާ އަނެއް ޚަސްމުގެ ބަހެއް ހޯދުމާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ނިންމެވިއިރު، ބަންޑާރަ ނައިބު އަލްއުސްތާޛް މުހައްމަދު އަނިލް ވަނީ، އެ އަމުރާ ގުޅިގެން ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ސިވިލް ކޯޓުން ވަނީ އަނިލްގެ އެ ވާހަކަތަކަކީ ބާތިލު ވާހަކަތެއް ކަމަށް ބުނެފައެވެ.
ހަވީރުގެ މުވައްޒަފުންނާއި ބެހޭގޮތުން ސިވިލް ކޯޓުން ކުރީ ޣައިރު ގާނޫނީ ހުކުމެއް - ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ