ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުން މުހައްމަދު ރާގިބް އަހުމަދު މިއަދު އިސްތިއުފާދެއްވިއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ބޮޑެތި މައްސަލަތަކެއް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީން މިއަދު މިހެން ބުނެފައިވަނީ ރާގިބު ފަނޑިޔާރު ކަމުން އިސްތިއުފާދެއްވުމަށްފަހު، މީސް މީޑިއާގައި އާންމުކުރި މައުލޫމާތުތަކަކީ ހަގީގަތެއް ނޫން ކަމަށް ބުނެ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައެވެ.
ޖޭއެސްސީއަކީ ސިޔާސީ ތަނެއް ކަމަށް ރާގިބު ތުހުމަތުކޮށްފައިވެއެވެ.
ރާގިބުގެ ތުހުމަަތުތަކާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، ރާގިބުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ނިންމީ ތުހުމަތުކުރެވޭ އަށް މައްސަލައެއް ސާބިތުވާތީ ކަމަށެވެ. އޭގެ ތެރޭގައި ޖިނާއީ މައްސަލަތައް ވެސް ހިމެނޭތީ އެ މައްސަލަތައް ތަަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރާގިބު ފަނޑިޔާރުކަމުން ވަކިކުރަން ނިންމިއިރު، އޭނާގެ މައްޗަށް ސާބިތުކުރެވޭ ސުލޫކީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކޯޓުގައި މަސައްކަތްކުރާ އަންހެން ދެ މުވައްޒަފަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަ ކުރުމާއި ތުލުސްދޫ ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަ އަކާއި ދިއްފުށީ ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލައެއްގެ ގަޒިއްޔާ ބަދަލުކޮށް، ޝަރުއީ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ކޯޓަށް ހުށަހެޅޭ މައްސަލައިގައި އެއް ފަރާތާއި ގާތްގުޅުމެއް ބޭއްވުމާއި މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި މަޖުބޫރުން މުވައްޒަފުންގެ ޒިންމާއިން ބޭރުން ބޮޑެތި މަސައްކަތްތައް ކުރުވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި އެފަރާތްތަކަށް ތާއީދު ހޯދުމަށް އަމަލީ ގޮތުން މަސައްކަތް ކުރުމެވެ.
އޭގެއިތުރުން ވެސް، ޑީޖޭއޭ އިން ކަނޑައަޅާފައިވާ އިދާރީ ހިންގުމުގެ އުސޫލާ ހިލާފަށް އަތޮޅުގެ އިދާރީ ކަންކަން ބައްޓަންކޮށް، ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމާއި ތުލުސްދޫ ކޯޓަށް ހުށަހެޅި ކައިވެނީގެ މައްސަލައެއްގައި އަންހެން މީހާގެ ނުގަބޫލުގައި އެ ކައިވެނި ކޯޓުގައި ކުރުވަން މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ބިދޭސީ އަންހެނަކު ތުލުސްދޫއަށް އޭނާއާއެކު ގެންގޮސް، ފަނޑިޔާރުންގެ އަދާބާ ހިލާފު އަމަލުތައް ހިންގި މައްސަލަ ހިމެނެއެވެ.
އަދި އެމައްސަލަތަކުގެ އިތުރުން ރާގިބު އިސްތިއުފާ ދެއްވިއިރު، އެކޮމިޝަނުން އިތުރު މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
އެގޮތުން 2010 ވަނަ އަހަރު ކުއްލިއްޔާއިން ހިންގި ޝަރީއަތާ ގާނޫނުގެ ޑިޕްލޮމާ ކޯހުގެ އިމްތިހާނުގައި ކޮޕީކޮށް މަކަރު ހަދާފައިވާ މައްސަލަ އަކާއި ގދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކަމުގައި ހުންނެވިއިރު އެހެން މެޖިސްޓްރޭޓުންނާ ހަވާލުކޮށްފައިވާ މައްސަލަތަކުން އެމީހުން ތަނާޒުލް ނުވަނީސް ރާގިބު އެ މައްސަލަތައް ބަލާފައިވާ މައްސަލައެއް ވެސް ހިމެނެއެވެ.
އޭގެ އިތުރުން ރާގިބު މެޖިސްޓްރޭޓު ކަމުގައި ހުންނެވިއިރު އޭނާއާ ގުޅޭގޮތުން ޖޭއެސްސީއަށް 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ނުވަ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މުއްދަތުގައި ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، ރާގިބުގެ ފަރާތުން ސުލޫކީ އެތައް މަައްސަލައެއް ފެނިގެން އޭނާއަށް ފަސް ފަހަރެއްގެ މަތިން އެކި ބާވަތުގެ މައްސަލަތަކުގައި ނަސޭހަތްތެރި ވެފައިވާ ކަމަށެވެ.
އެގޮތުން ރާޣިބު ފަނޑިޔާރު ކަމުގައި ހުންނެވިއިރު، 10 ޑިސެންބަރު 1994 ގައި ފިތުނަ ފަސާދަ އުފައްދައި އަމަން ނަގާލަން މަސައްކަތްކުރާ މީހުންނާއެކު ނޫޅުމަށް ނަސޭހަތްތެރިވެފައިވާއިރު، 14 ފެބްރުއަރީ 1996 ގައި ސަރުކާރުގެ ރަސްމީ ފަރާތަށް ދެއްވި ބަޔާނެއްގައި އޭނާގެ އުފަން ދުވަސް އޮޅުވާލާފައި ވުމާއި 11 ނޮވެންބަރު 1998 ގައި ރާގިބާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ޖަސްޓިސް މިނިސްޓްރީއަށް ފޮނުވި ރިޕޯޓެއްގައި އެކިއެކި ކުށްކުށުގައި އަރުވާލާފައި ތިބޭ މީހުންނާ މާބޮޑަށް ގުޅުން ބަހައްޓާ މައްސަލައެއްގައި ރާގިބަށް ނަސޭހަތްތެރިވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އަދި 25 ޖުލައި 2005 ގައި ''އުދަރެސް'' ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި އާންމު މީޑިއާތަކަށް ޖަސްޓިސް މިނިސްޓްރީއާމެދު ނަފުރަތު އުފެދޭ ގޮތަށް މައުލޫމާތު ދިނުމުން 200 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އަދި 21 ޖޫން 2007 ގައި ގދ. އަތޮޅުގެ އަތޮޅުވެރިޔާގެ އެހީތެރިޔާއާ ރަށު އޮފީހުގައި ބައްދަލުކުރައްވައި، އެބޭފުޅުން ރަށުން ފުރުމުގެ ކުރިން ތަހުގީގު ޓީމުންކުރި ތަހުގީގުގެ ނަތީޖާ އެނގެން ބޭނުންވާ ކަމަށް ބުނުމުން ވެސް ރާގިބަށް ނަސޭހަތްތެރިވެފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެއެވެ.
ބަޔާނުގައި ބުނީ ރާގިބު ފަނޑިޔާރުކަމުން ވަކިކުރަން އިއްޔެ މަޖިލީހަށް ފޮނުވީ، އޭނާގެ މައްޗަަށް ތުހުމަތުކުރެވޭ މައްސަލަތަކަށް ޖަވާބުދާރީވުމަށް ގާނޫނުގައި ބުނާ މުއްދަތު ދިނުމަށްފަހު، އަދި ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.
ރާޣިބު އިސްތިއުފާދެއްވިއިރު އޭނާގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ