ފުވައްމުލަކު އެކްސިޑެންޓް ވަރަށް ނުރައްކާ، އެކަމަކު މީހަކު ހައްޔަރެއް ނުކުރޭ

މަގުގެ އެއް ކައިރީގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ކާރަކުން ޖެހި ފުވައްމުލަކުގައި ހިނގި ވަރަށް ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި އެކްސިޑެންޓް ހިނގީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތެވެ. އެކްސިޑެންޓްވި ވީޑިއޯއިން ފެންނަނީ އެ ސިޓީގެ މިސްކިތް މަގު އަވަށުގެ, ގާޒީ މަގުގެ އެއްފަރާތުގައި ސައިކަލެއް ކައިރި މީހަކު މަޑުކޮށްގެން ހުއްޓައެވެ. އެ މަގުން ދުއްވާފައި އައި ހުދު ކުލައިގެ ޕްރައިވެޓް ކާރެއް ކުއްލިއަކަށް މަގުގެ އެއް ފަރާތުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހޭއިރު އެ މީހާ ހުރީ އޭގެ ތެެރެއިން ދެވަނައަށް ހުރި ސައިކަލް ކައިރި މަޑުކޮށްލައިގެންނެވެ. https://x.com/sunbrk/status/1940490716377239843 ކާރުން ޖެހުނު ވަގުތު, ނަސީބު ގަދަކަމުން އެ މީހާ ވިއްސައިގެން ދިޔައީ ސައިކަލްތައް މަތިން މަގުގެ އަނެއް ފަރާތަށެވެ. އޭނާ ދަށު ނުވެ ސަލާމަތްވީ ކިރިޔާއެވެ. ތިން ސައިކަލެއްގެ މަތިން ގޮސް އޭނާ މަގުމައްޗަށް ވެއްޓުމާއެކު ތެދުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާއަކީ ފުވައްމުލަކަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެ ސިޓީގެ ފެނަކައިގެ ސުޕަވައިޒަރަކަށް މަސައްކަތް ކުރާ މީހެކެވެ. މި އެކްސިޑެންޓްގައި އޭނާގެ ފައިގައި ރެނދުލައި އަނިޔާތަކެއް ވަނީ ލިބިފައެވެ. މި އެކްސިޑެންޓްވި ކާރު ދުއްވި މީހާއާ މެދު ތަފާތު ތުހުމަތުތައް ކޮށް އެ ރަށުގެ ތެރޭގައި ވާހަކަ ދެކެވެއެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އެކަމަކު މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އުޅަނދު ދުއްވުމަކީ ރާއްޖޭގައި ވެސް ގާނޫނީ ކުށެކެވެ. އެފަދަ އަމަލުތައް ކުރާ މީހުން ހައްޔަރުކޮށް, އެ ދުއްވި އުޅަނދެއް ޓޯކުރުމަކީ ވެސް ފުލުހުން ބައެއް ހާލަތްތަކުގައި ކުރާ ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި ގިނަ ދުވަސްތަކަކަށް ލައިސެންސް ވެސް ހިފަހައްޓާފައި އެބަހުއްޓެވެ. ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ އެއް މައްސަލައަށް އެކްސިޑެންޓްތައް ހިމެނޭއިރު, ނުގަވާއިދުން އުޅަނދު ދުއްވާ މީހުންގެ ސަބަބުން ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ބޮޑެތި އަނިޔާތައް ލިބުންފަދަ ހިތާމަވެރި އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ