"ޑރ. ޝަހީދު ހިންގެވީ އަނިޔާވެރި އަމަލެއް"

ރާއްޖެއަށް އިންޑިއާ ސިފައިން ގެނައުމަށް ގޮވާލައި ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ދެއްކެވި ވާހަކައަކީ "އަނިޔާވެރި އަމަލެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޑރ. ޝަހީދުގެ ވާހަކަ އަކީ "ވަރަށް އަނިޔާވެރިއަމަލެއް" ކަމަށާއި އިންޑިއާ ސިފައިން ރާއްޖެ ގެނައުމަކީ ދިވެހީން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
"އާދެ މިއީ ދެވަނަ ފަހަރު ޑރ. އަހްމަދު ޝަހީދު މިދެންނެވިހެން އިންޑިއާ ސިފައިން މިތަނަށް އައިސް މި ގައުމަށް ވެރިވެގަތުމަށް ގޮވާލި ފަހަރު. އަޅުގަނޑު ހަރުކަށި އިބާރާތުން ޑރ. އަހްމަދު ޝަހީދުގެ ބޭވަފާތެރި އަނިޔާވެރި އަމަލު ކުށްވެރިކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި އިންސާފުވެރިކަމާ އެކު ހުކުމް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަނޑިޔާރުން އެބަތިއްބެވި ކަމަށާއި ރާއްޖޭގެ ދާޚިލީކަމެއްގެ ތެރެއަށް ބޭރުގެ ބަޔަކަށް ނުވަދެވޭނެ ކަމަށެވެ.
ދިވެހީންނަކީ ގޮތެއް ފޮތެއް ނެތްގޮތަށް އުޅޭބައެއް ކަމަށް ބޭރުގެ ފަރާތްތަކަށް ސިފަވާން ފަށައިފި ކަމަށާއި އެކަން އެގޮތަށް މެދުވެރިވީ އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީން އަމަލު ކުރި ގޮތުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުން އެކަމާ ދެކޮޅަށް އެމްޑީޕީން މުޒާހަރާ ކުރާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ގާސިމް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެމްޑީޕީއަށް ހަމައެކަނި ކަމުދަނީ އިލެކްޝަންސް ކޮމިޝަން ކަމަށާއި ޝަރުއީ ކޯޓުތަކާއި ފުލުހުންގެ މުއައްސަސާ ވެސް އެ ޕާޓީއަށް ކަމު ނުދާކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަކީ އެންމެ ފަހުބަސް ބުނާތަން ކަމަށާއި އެތަނުން ނިންމާ ނިންމުންތަކަށް އެންމެން ވެސް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ.
ރާއްޖޭގައި ހަމަނުޖެހުން ހިންގައި މީސްމީހުންގެ މުދަލުގައި ހުޅުޖެހުންފަދަ އަމަލުތައް ނުހިންގުމަށް ވެސް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ