މިރޭ ޖަލްސާގެ ކުރިން އުމަރު މައާފަށް އެދުމަށް ޕީޕީއެމް ކައުންސިލުން އަންގައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިރޭ ކާނިވަލުގައި ބާއްވަން ހަމަޖައްސާފައިވާ ޖަލްސާގެ ކުރިން އުމަރު ނަސީރު މައާފަށް އެދެން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ކައުންސިލުން ނިންމާ އެކަން އުމަރަށް އަންގައިފި އެވެ.
ޕީޕީއެމް ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމާއި ބެހޭ ތަފްސީލް ހާމަކުރުމަށް މޫކައި ހޮޓަލުގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ އުމަރު ރޭ ޖަލްސާއެއް ބާއްވާފައިވަނީ ކައުންސިލުގެ ނިންމުމާއި ހިލާފަށް ރައީސް މައުމޫން ވެސް ޖަލްސާ ނުބޭއްވުމަށް އަންގަވާފައިވަނިކޮށް ކަމަށާއި ޕާޓީއަށާއި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ރައްދުކޮށް ދެއްކެވި ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
މަހްލޫފު ވިދާޅުވީ މިރޭ އެ ޕާޓީން ބާއްވާ ބޮޑު ޖަލްސާގެ ކުރިން އުމަރު މައާފަށް އެދިވަޑައިނުގެންފި ނަމަ އޭނާއާ މެދު އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.
"މިރޭ އަޅުގަނޑުމެން ބާއްވާ އެއްބައިވަންތަކަމުގެ ޖަލްސާގެ ކުރިން އުމަރު ޕަބްލިކް އެޕޮލޮޖީއެއް ދެއްވަން ޖެހޭނެ ކަމަށް ކައުންސިލުން ވަނީ ނިންމާފައި. އަދި ޖަލްސާގެ ކުރިން ޕަބްލިކް އެޕޮލޮޖީއެއް ނުދެއްވައިފި ކަމަށް ވާ ނަމަ އުމަރު ނަސީރާ ދޭތެރޭގައި އަޅާނެ ފިޔަވަޅެއް ޕާޓީގެ ކައުންސިލުން ނިންމާނެ،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރި ދެ ކެންޑީޑޭޓުންނާ ބައްދަލުކޮށް އެއްބަސްވެފައި ވަނީ ޕްރައިމަރީ އަށް ފަހު އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމަކީ ދެ ކެންޑީޑޭޓުންނާއި ޕާޓީގެ ރައީސް ބައިވެރިވާ ބައްދަލުވުމަކަށް ހެދުމަށް ކަމަށާއި ނަމަވެސް އުމަރު ނަސީރު ޖަލްސާއެއް ބާއްވައި ހުސް ދޮގު ވާހަކަދައްކާފައިވާ ކަމަށެވެ.
ޕީޕީއެމްއިން މިރޭ ބޮޑު ޖަލްސާއެއް ބާއްވާއިރު މިރޭ ބާއްވާ ޖަލްސާގައި އުމަރު ނަސީރުގެ ޓީމުން ބައިވެރިނުވާން ނިންމާފައިވާއިރު އެޖަލްސާއަށް އުމަރު ނަސީރުގެ ސަޕޯޓަރުން ނުދިއުމަށް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ