އިމްރާން ޖަލަށް ލުމަކީ ޖެހުނު ލައްގަނޑެއް، ލިބުނު ހުތުރެއް: ރައީސް މައުމޫނު

ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހައްޔަރުކޮށް ހުކުމްކޮށް ޖަލަށް ލުމަކީ، ޤައުމީ ހަޔާތުގައި ޖެހުނު ލައްގަނޑެއް ކަމަށާއި ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ހުތުރެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ޝައިޚް އިމްރާން ޖަލަށް ލެވުނު ފަހުން 1000 ދުވަސް ވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ ޝައިޚް އިމްރާންގެ މައްޗަށް ދައުވާކޮށް ހުކުމްކޮށް ޖަލަށް ލެވިފައިވަނީ ނުހައްގުން ކަމުގައެވެ. އަދި ޝައިޚް އިމްރާންގެ މައްޗަށް ޝަރީއަތް ހިންގިފައިވަނީވެސް ދިފާއަށް އެކަށީގެންވާ ފުރުސަތު ދިނުމަކާއި ނުލާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް އިމްރާނަކީ ބަތަލެއް ކަމަށާއި ޤައުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި މުޢާތިނެއް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު މިރޭވަނީ އަނިވާވެރިކަމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ޝައިޚް އިމްރާން ކުރައްވަމުން ގެންދަވަނީ ވަރަށް އަގުހުރި ޖިހާދެއްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޝައިޚް އިމްރާން ސަރުކާރާއި ދެކޮޅަށް ނިކުމެ ވަޑައިގެންނެވީ، ކޯލިޝަނުގައި އަދާލަތު އޮތުމަށްފަހު ސަރުކާރުގެ ތެރެއިން ހިންގަމުން ގެންދިޔަ ކަންކަން އިސްލާހުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރައްވާ ސަރުކާރުން ކަންކަން އިސްލާހު ނުކުރުމުންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަނިވާވެރިކަން އާއްމުވަނީ އަދުލު އިންސާފު ނެތުމުން ކަމަށާއި އެންމެ މަތިވެރި ޖިހާދަނީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ހައްގުބަސް ބުނުންކަން ފާހަގަ ކުރައްވާ ރައީސް މައުމޫނު ވިދާޅުވީ ޝައިޚް އިމްރާނަކީ އެފަދަ ޖިހާދެއް ކުރައްވާ ބޭފުޅެއް ކަމުގައެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫނުވަނީ ޝައިޚް އިމްރާނާއި މޭޑޭ މުޒާހަރާގެ ބައިވެރިވެގެން ހުކުމްކޮށްފައިވާ އެންމެން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި މޭޑޭގެ މުޒާހަރާއާއި ގުޅިގެން ނޫންނަމަވެސް އަނިޔާވެރިކަމާއިއެކު ހުކުމް ކުރެވިފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލުމަށް ރައީސް މައުމޫނު ގޮވާލެއްވިއެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކާނަލް މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލެއްވިއެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސް ފަރުވާ ލިބި ދިނުމަށް ރައީސް މައުމޫނު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ