ރައީސް މައުމޫންގެ ބައިނަލްއަގްވާމީ މަންދޫބަކަށް ޔުމްނާ މައުމޫން ހަމަޖައްސަވައިފި

ބައިނަލްއަގްވާމީ މައިދާނުގައި މައުމޫން އަބްދުލްގައްޔޫމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހަމަޖައްސަވައިފި އެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން މިކަން ހާމަކުރެއްވީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އެމަނިކުފާނުގެ ގާނޫނީ ވަކީލް މައުމޫން ހަމީދު އެވެ.
ގާނޫނީ ވަކީލް މައުމޫން މިކަން ހާމަކުރައްވާފައި މިވަނީ ރައީސް މައުމޫނާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ވަކީލް މައުމޫން ހަމީދު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން ބައިނަލްއަގްވާމީ މައިދާނުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އެއްޗެއް ވިދާޅުވާނަމަ އެކަމެއް ހާމަކުރައްވާނީ ޔުމްނާ މައުމޫން ކަމަށެވެ.
ރައީސް މައުމޫން މިގޮތަށް ނިންމެވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ރައީސް މައުމޫން ދެކެވަޑައިގަންނަވާ ގޮތް ވީހާވެސް އަވަހަށް ބައިނަލްއަގްވާމީ މުޖުތަމައަށް ހާމަކުރެއްވުމުގެ އިތުރަށް މައްސަލަތަކަށް ވީއެންމެ އަވަސް ހައްލެއް ހޯދައި ގާނޫނީ މަގަށް ކަންކަން ގެނައުމުގެ ބޭނުމުގައި ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން ހައްޔަރުކުރީ މިމަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެމަނިކުފާނު ދިރިއުޅުއްވާ މ. އެންދެރިމާގޭގައި ހުންނަވަނިކޮށް އެގޭގެ ދޮރުވައްޓާލުމަށްފަހު އެވެ.
ރައީސް މައުމޫންގެ މައްޗަށް ވަނީ ރިޝްވަތު ހުށަހެޅުމާއި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ހެކި ފޮރުވަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށްފަ އެވެ. ރައީސް މައުމޫން ގެންދަވަނީ ފުލުހުންގެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.
ރައީސް މައުމޫންގެ ދަރިކަނބަލެއް ކަމަށްވާ ދުންޔާ މައުމޫނަކީ ކުރިން ފޮރިން މިނިސްޓަރު ކަން ކުރެއްވުމުގެ އިތުރަށް އދގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭކަނބަލަކަށް ވާތީ ޔުމްނާ އަށް ވުރެ ދުންޔާ ބައިނަލްއަގްވާމީ މައިދާނުގައި ވަރުގަދަ ވާނެ ކަމަށް ބެލެވޭއިރު ދުންޔާއަށް މިފަދަ ޒިންމާއެއް ހަވާލުކުރެއްވުމުގެ ބަދަލުގައި ޔުމްނާއަށް މިފަދަ މުހިއްމު ޒިންމާއެއް ހަވާލުކުރެއްވުމުން ބައެއް ފަރާތްތަކުން ގެންދަނީ އެކަން ސޯޝަލް މީޑިއާގައި ފާހަގަކުރަމުންނެވެ.
ރައީސް މައުމޫން ދަރިކަނބަލުން ޔުމްނާއަށް މަސްޢޫލިޔަަތާ ހަވާލު ކުރެއްވި އިރު ޔުމްނާ އަކީ މިއަދާ ހަމައަށް ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތުގައި އެންމެ ކައިރިން މަސައްކަތް ކުރައްވަމުންގެންދަވާ ބޭކަނބަލެކެވެ. އެގޮތުން ޔުމްނާ ވަނީ ސަރުކާރުން ވަކިވެވަޑައިގެން ދެގޮތެއްް ނުވެ ސާބިތު ކަމާއެކު ބައްޕާފުޅާއެކު އިސްލާހީ މަސައްކަތުގައި އެހީތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ