"ގާސިމް އިބްރާހިމް އެވޯޑް ފޯރ އެކްސެލެންސް" ހަތަރު ދަރިވަރަކަށް ދީފި

ވިލާ ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުންނަށް ދޭ އެންމެ ޝަރަފުވެރި ކަމުގެ އެވޯޑް "ގާސިމް އިބްރާހިމް އެވޯޑް ފޯރ އެކްސެލެންސް" ހަތަރު ދަރިވަރަކަށް ދީފިއެވެ. މި އެވޯޑަކީ އެންމެ މަތިން ފާސްވާ ކުދިންނަށް އެކުދިން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުންދޭ އެވޯޑެކެވެ. ވިލާ ކޮލެޖްގައި ހިންގާ އޯޕަން ޔުނިވަރސިޓީ މެލޭޝިއާ ކޯސްތައް މިއަހަރު ފުރިހަމަކުރި ދަރިވަރުންނަށް ޑިގްރީ ކޮންފަރ ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ކޮންވޮކޭޝަންގައި، ގާސިމް އިބްރާހިމް ފޯރ އެކްސެލެންސް އެވޯޑް އެ ދަރިވަރުންނާ ހަވާލްކޮށް ދެއްވީ ވިލާ ކޮލެޖްގެ ބާނީ ޤާސިމް އިބްރާހިމްއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ހަތްދިހަ ހަތް ދަރިވަރަކަށް ޑިގްރީ ކޮންފަރ ލިބިފައިވެއެވެ. މި ދަރިވަރުންނަށް ލިޔުން ހަވާލް ކޮށްދެއްވީ އޯޕެން ޔުނިވަރސިޓީ މެލޭޝިއާގެ ވައިސް ޗާންސެލަރ އަދި ރައީސް ޕްރޮފެސަރ އެމެރިޓަސް ޓަން ސްރީ އަނުވަރު އަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖްގެ ބާނީ ޤާސިމް އިބްރާހިމް ވިދާޅުވީ، މިއަދު ފެނިގެންމިދަނީ އެމަނިކުފާނު ދެކެމުން އައި އުންމީދު ހަގީގަތަކަށްވަމުންދާތަން ކަމަށެވެ.
މި ރަސްމިއްޔާތުގައި އޯޕެން ޔުނިވަރސިޓީ މެލޭޝިއާގެ ޗެއަރމަން ތަން ސްރީ ދަތުކް ސެރީ ލީ ތައި ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ތަން ސްރީ ދަތުކް ސެރީ ލީ ތައިގެ ވާހަކަފުޅުގައި، ވިލާ ކޮލެޖްއާއި ގުޅިގެން އެ ޔުނިވާރސިޓީއިން ކުރިއަށްގެންދާ މި ކޯސްތަކަކީ  ވަރަށް ކާމިޔާބު ކޯސްތަކެއްކަން ފާހަގަ ކުރެއްވިއެވެ.
 
މިރަސްމިއްޔާތުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ޚިދުމަތްކޮށްދެއްވި އިއްޒަތްތެރިންނާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި އޯޕެންޔުނިވަރސިޓީ މެލޭޝިއާގެ ބައެއް އިއްޒަތްތެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ވިލާ ކޮލެޖްގެ ތިންވަނަ ކޮންވޮކޭޝަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ