ސިއްހީ ދާއިރާގެ އާ ސަފުހާއެއް ރައީސް ޔާމީން ވަނީ ލިޔެދެއްވާފައި

ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ދިވެހި ސިއްހީ ދާއިރާގައި މުޅިން އާ ސަފުޙާއެއް ލިޔެދެއްވާފައި ކަމަށް ހެލްތް މިނިސްޓަރު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވީ ދިވެހިންގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި ރައީސް ވަނީ ހަތަރު އަހަރުން އެކަން ކުރައްވައި ނަތީޖާ ނެރުއްވާފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވެފައިވަނީ 2013 ވަނަ އަހަރު އާ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ތިބީ 522 ޑޮކްޓަރުން ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގައި ތިބި ޑޮކްޓަރުންގެ އަދަދު 822 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި އޭރު ހޮސްޕިޓަލުތަކުގެ ޖުމުލަ އެނދުގެ އަދަދު ހުރީ 1،036 ގައި ކަމަށާއި 1،768 އެނދު ހޮސްޕިޓަލުތަކުގައި އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި އިތުރުވާ އެނދުތައް ނުހިމަނާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަދި މުޅިން އަލަށް 84 އެމްބިއުލާންސް ގެނެސް ޚިދުމަތް ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ފަސް އެމްބިއުލާންސަކީ ޕެރެމެޑިކް އެމްބިއުލާންސު ކަމަށް މައުލޫމާތު ދީފައިވެއެވެ. ހަތަރު އަހަރުގެ ތެރޭގައި އާސަންދައިގެ ޚިދުމަތަށް 3.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބަޔާންކޮށްފައިވެއެވެ.
އަދި މީހުން ދިރިއުޅޭ ރާއްޖޭގެ ކޮންމެ ރަށެއްގައި ސިއްހީ ޚިދުމަތް ގާއިމު ކުރެވިފައިވާނެ ކަމަށާއި މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ބައެއް ރަށްތަކުގައި ބޭސް ފިހާރައެއްވެސް ނެތް ކަމަށާއި މިހާރު އެކަން ބަދަލުކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ