ވެރިކަން ކުރެވޭވަރުގެ ތަޖުރިބާ އުމަރު ކިބައި ނެތް ކަމަށް ވިދާޅުވެ ނިހާނު އުމަރަށް ފާޑު ވިދާޅުވެއްޖެ

ރާއްޖޭގެ ވެރިކަން ކުރެވޭވަރުގެ ތަޖުރިބާ ޕީޕީއެމުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރުގެ ކިބާގައި ނެތް ކަމަށް ވިދާޅުވެ، ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު ނިހާނު ހުސައިންމަނިކު އުމަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރ އަބުދުﷲ ޔާމީނުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނިހާނު ވިދާޅުވިގޮތުގައި އުމަރު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވުމުގެ ކުރިން ތަޖުރިބާ ހޯއްދެވުމުގެ ގޮތުން ސަރުކާރުގެ ވަޒީފާއެއް އަދާކުރެއްވުން ރަނގަޅުވާނެށެވެ. އަދި ވިދާޅުވީ ކުޑަ ވިޔަފާރިއެއް ހިންގުމަކުން ގައުމެއް ނުހިންގޭނެކަމަށާއި ވެރިކަން ކުރެވޭވަރުގެ ތަޖުރިބާއެއްވެސް އުމަރަށް ލިބިވަޑައިގެންފައިނުވާކަމަށެވެ.
" ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތަޖުރިބާއަށް ބަލާއިރު އަދި އެބަ ބޭނުންވޭ އުމަރު ނަސީރަށް އާ ބަސް ބުނުމުގެކުރިން ސަރުކާރެއްގައި ތަންކޮޅެއް ސީނިޔަ ވަޒީފާއެއްގަ ދުވަސްކޮޅަކު މަޑުކޮށްލަން. އެއީ ތަޖުރިބާ ހޯއްދެވުމުގެގޮތުން. ގޮނޑިއެއްގައި އިށީނީމަ ތަޖުރިބާ ހުރެދާނެ. އެކަމު ފަންނުވެރިކަމުގެ ގޮތުން ގައުމެއްގެ ނިސްބަތުން ހިދުމަތއްް ދޭން ބަލާއިރު މިއީ މާސިންގާހާ ބޮޑުކަމެއް. އަދި ކުޑަ ވިޔަފާރި ކޯޕަރޭޝަނެއް ހިންގުމަކުން، ވިޔަފާރިއެއް ހިންގުމަކުން ގައުމެއް ނުހިންގޭނެ،" ސަން އެފްއެމުގެ "އޮއިވަރު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވިއެވެ.
ނިހާނު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ސިޔާސީ މައްސަލަތަކާއި އިގުތިސާދު ކޮޅަށް ޖެހޭވަރުގެ ބޭފުޅެއްކަމަށާއި އެ ފަދަ ބޭފުޅުން ޕީޕީއެމުގައި އެބަތިއްބެވި ކަމަށާއި ނަމަވެސް އުމަރު ނަސީރަކީ އެފަދަ ބޭފުޅެއް ނޫން ކަމަށެވެ.
ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅެއްގެ އިގުތިސާދީ ތާޖުރިބާ ހުންނަން ޖެހޭކަމަށާއި އެގޮތުން ބަލާއިރު ވެސް އުމަރު ހުންނެވީ އެޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވާ އަބުދުﷲ ޔާމީނަށްވުރެ ވަރަށް ބޮޑަށް ފަހަތުގައި ކަމަށް ނިހާނު ވިދާޅުވިއެވެ.
ޕްރައިމަރީއަށް ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވާ އުމަރާއި ޔާމީނަށް ތާއިދުކުރައްވާ އެދެބޭފުޅުންގެ ސަޕޯޓަރުން ވާހަކަ ދައްކަވަމުން ގެންދަވާއިރު ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވައެވެ. ރިޔާސީ ޕްރައިމަރީގައި ޕީޕީއެމުގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވާދަކުރައްވަން ނިންމައިފި ނަމަ އުމަރާއި ޔާމީނުވެސް އެރޭހުން ވަކިވެވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މައުމޫނު ވިދާޅުވެފައިވާގޮތުގައި އެމަނިކުފާނުވަނީ އެކަމާމެދު ގޮތެއް ނިންމަވާފައެވެ. ނަމަވެސް އެގޮތް ހާމަކުރައްވާނީ އެންމެ ފަހު ވަގުތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ