މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް މިއަދު ފަށަނީ

ސޯޅަ ސްކޫލަކުން ބައިވެރިވާ މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް މިއަދު ހަވީރު ފެށުމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ 16 އަހަރުން ދަށުގެ އަންހެން ބައިގައި ވާދަކުރާ ގަލޮޅު މަދަރުސާ އާއި ކަލާފާން ސްކޫލެވެ. މި ބައިގައި ދެން ވާދަކުރަނީ އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލް އަދި މުހިއްދީން ސްކޫލެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަކުރަނީ ދަރުމަވަންތަ ސްކޫލާއި ގިޔާސުއްދީން ސްކޫލާއި މުހިއްދީނާއި ކަލާފާނު އަދި މަޖީދިއްޔާ ސްކޫލެވެ. މި މުބާރާތުގައި ދެން އޮތީ 14 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ބަޔެވެ. މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަކުރަނީ ދެ ޓީމެވެ. އެއީ ކަލާފާނާއި އިމާދުއްދީނެވެ. މި ބައިގެ އަންހެން ބައިގައި ވާދަކުރަނީ ގޮއިދޫ ސްކޫލާއި ކަލާފާނާއި އިމާދުއްދީން އަދި މުހްޔިއްދީން ސްކޫލެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގައި ހަތް ސްކޫލަކުން ވާދަކުރެ އެވެ. އެއީ ށ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ސީއެޗްއެސްއީ އާއި މަދަރުސަތުލް އަހުމަދިއްޔާ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި މާފުށީ ސްކޫލާއި މެޕްސް އިންޓަނޭޝަނަލް ހައި އަދި ގަލޮޅު މަދަރުސާ އެވެ. މި އުމުރު ފުރައިގެ އަންހެން ބައިގައި ވާދަކުރަނީ މާފުށީ ސްކޫލާއި އަހުމަދިއްޔާ ސްކޫލާއި ސީއެޗްއެސްއީ އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް މި މުބާރާތް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ