އިމްރާން ބަންދު މައްސަލަ ހައި ކޯޓުން ބަލައިނުގަތް މައްސަލަ އިސްތިއުނާފްކުރަނީ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިނުގަތް މައްސަލަ އިސްތިއުނާފްކުރަން ނިންމައިފި އެވެ. އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުގެ ރެޖިސްޓްރާ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތަށް އެ ކޯޓުން ނިންމީ އެ ކޯޓާއި ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ބައެއް ގަޒިއްޔާތަކާ ހަވާލާދީ އެވެ. އިމްރާންގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވީ ހައި ކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭގައި އެ މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރެޖިސްޓްރާގެ ނިންމުމަކާ ހިތްހަމަނުޖެހޭ ނަމަ އެ ނިންމުމެއް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވިދާނެ އެވެ. އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރަނީ މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމުގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އިމްރާންގެ ޝަރީއަތުގެ މިހާތަނަށް ބާއްވާފައިވަނީ އެންމެ އަޑުއެހުމެކެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު މިހާރު ހައި ކޯޓަށް ވަނީ ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ