އެހެން މީހުންނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރައިގެން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ބޭފުޅުންނަކީ "ޗޮއިސްއެއް ނޫން" ކަމަށާ އެފަދަ މީހަކަށް ފުރުސަތު ނުދިނުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ކުނޫޒްގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ އަންހެނުންގެ ލީގުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރޭގައި އެމްޑީޕީގެ އެޖެންޑުން އެބަތިބި ކަމަށް ތުހުމަތުކޮށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެކަމަށް ބުނެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވާހަކަދައްކަވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީގެ އެޖެންޑުން ތިބީ ކޮން ޕާޓީއެއްގައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އެކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދޮގު ވާހަކަތައް ފަތުރައިގެން ވެރި ކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާ ކަމަށާއި އެފަދަ ބޭފުޅުންނަކީ ޗޮއިސްއެއް ނޫން ކަމަށެވެ.
"ކާކުގެ ގާތުގައިތޯ އެޖެންޑުން ތިބީ. އަބަދުވެސް މިއުޅެނީ ދޮގު ވާހަކަތައް ދައްކައިގެން ވެރިކަމަށް އަންނަން. އެހެންވެ މިދަންނަވަނީ އެފަދަ ބޭފުޅުންނަކީ ޗޮއިސްއެއް ނޫނޭ އިނގޭތޯ؟ އާދެ ޗޮއިސް އެއް ނޫން އިނގޭތޯ އެއީ!" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކޮންމެ ވެރިކަމަކާއެކު ސިވިލްސާވިސް މުވައްޒިފުންގެ ވަޒީފާތައް ގެއްލެމުންދިޔަ ނަމަވެސް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ނުދާނެ ކަމަށެވެ. ރައްޔިތުންގެ ވަޒީފާތައް ގެއްލިގެންދާފަދަ ވެރިކަމެއް ޤާއިމް ނުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ.
ދޮގު ވާހަކަ ދައްކަވާ ބޭފުޅުންނަކީ ޗޮއިސްއެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ