1.5 ބިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް ތައާރަފް ކުރާނަން: ގާސިމް

ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ރައްޔިތުންގެ ބޭނުމަށް ލޯން ދޫކުރުމަށްޓަކައި 1.5 ބިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް ތައާރަފުކުރުމަށް ހަމަޖެހިފައިވާތީ އެ ޕްރޮގްރާމްގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބު އަލުން ބާއްވަން ކޯޓުން ހުކުމްކުރި ނަމަވެސް ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯއަށް ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި، ނަމަވެސް ރައްޔިތުން އެދޭ ކަންތައްތަކެއް ހުރިކަން ފާހަގަވުމުން އެކަންކަން މެނިފެސްޓޯގެ ބައެއްގެ ގޮތުގައި ކަނޑައަޅައި އެ ކަންކަމުގެ މައުލޫމާތު ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ. އެގޮތުން މެނިފެސްޓޯގައި ލޯން ޕްރޮގްރާމެއް ހިމެނުމަށް ނިންމާފައިވާ ކަމަށާއި އެ ލޯން ޕްރޮގްރާމް ރޭވިފައިވާ ގޮތް ރައްޔިތުންނާ ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވީ "ޕީޕީއެމުން މާބޮޑަށް ވެރިކަން ބޭނުންވުމުން ކަމަށް ބެލެވޭ" ކަމަށާއި، ޔާމީން ކުރިއަށް ނެރުއްވައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ތެރޭގައި އެމްޑީޕީއާ ފިކުރު ދިމާވާ ފަރާތްތައް ތިބުމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަހަތަށް ޖުމްހޫރީ ޕާޓީން ހިނގައްޖެ ނަމަ ޖުމްހޫރީ ގުޅުމުގެ ގާތްގަނޑަކަށް 60 ޕަސެންޓް މީހުން ޔާމީނަށް ވޯޓު ނުދެއްވާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށްވެސް ގާސިމް އިބްރަހީމް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީގައި މި ތިބި އެންމެންނަކީ މުޅިން އެންޓި އެމްޑީޕީ މީހުނެއް ނޫން. އެކަމަކު ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު ވެސް ނޫނީ އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ. ތައީދުކުރާ ބައެކޭ މި ދެންނެވީ އޭގެ ތެރޭގައި، އެމްޑީޕީގެ ތެރޭގައި ވެސް އެބަތިބި އަޅުގަނޑުމެންނާ އެއް ހިޔާލެއް ތިބި ބަޔަކު" ގާސިމް ވިދާޅުވި އެވެ.
އެއް ކެންޑިޑޭޓަކު ނެރުމަށް ކުރެވުނު މަޝްވަރާގައި ރައީސް ޑރ. ވަހީދު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމާއި ގުޅިގެން ރައީސް ވަހީދަކީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް ޕީޕީއެމުން ބުނަމުންދާތީ ގާސިމް އިބްރާހީމް ވިދާޅުވީ އެއީ ގަބޫލުކުރާ ވާހަކަތަކެއް ނޫން ކަމަށެވެ.
އެއް ކެންޑިޑޭޓް ނެރުމަށް ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެއްވުނުކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތުގައި ކަމަށާއި، އެއްބައިވަންތަ ސަރުކާރެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމް އިބްރާހީމްގެ ފަހަތްޕުޅަށް ވަޑައިގަންނަވަން ޖެހިއްޖެނަމަ ގާސިމްގެ ފަހަތްޕުޅަށް އެއްވެސް ޝަރުތަކާ ނުލައި ވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް މަރުހަބާ ދަންނަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އެއްވެސް ކެންޑިޑޭޓެއްގެ ފަހަތްޕުޅަށް ވަޑައިގަތުމާއިމެދު ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ގޮތެއް ނިންމެވުމުން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމަށް ފުރުސަތު ދޭން ބޭނުން ނުވާ ނަމަ މިހާރު އޮތް ހަމައެކަނި ފުރުސަތަކީ އެމަނިކުފާނުގެ ފަހަތްޕުޅަށް ހުރިހާ ބޭފުޅުންވެސް ވަޑައިގަތުން ކަމަށާއި، ނަޝީދާ ވާދަކޮށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ އެމަނިކުފާނަށް ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލްކުރި އިންތިހާބުގައި ކެންޑިޑޭޓުންނަށް ވޯޓް ލިބުނު ގޮތެއް އަދި ވޯޓްލީ މީހުންގެ އަދަދެއް ސާފު ނުވާ ކަމަށާއި، ނަޝީދަށް 95،000 ވޯޓް ލިބުނު ކަމަށް ބުނާ ބުނުމަކީ ގަބޫލުކުރައްވާ ވާހަކައެއް ނޫން ކަމަށެވެ.
ރިޔާސީ އިންތިހާބު މިމަހުގެ 19 ވަނަ ދުވަހު ބާއްވާއިރު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވައިފިނަމަ އެ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބަދަލު ގެނެސް ފޯރީގައި ކެމްޕޭން ހަރަކާތްތައް މާލެއާ އަތޮޅު ތަކުގައި މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވެ ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވެ ޕީޕީއެމްއާ އެމްޑީޕީއަށް އޮތް ތާއީދު ކުޑަވަމުންދާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމެވި ނަމަވެސް ރައީސް ވަހީދުގެ އާއިލީ ބޭފުޅުންނާއި އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި 96 ޕަސަންޓް ބޭފުޅުން ގާސިމަށް ތާއީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އެމްޑީޕީއަށް ތާއީދުކުރައްވަން ނިންމެވި ނަމަވެސް ޑީއާރުޕީގެ ތެރެއިން މާގިނަ ވޯޓް ތަކެއް އެމްޑީޕީއަށާއި އަދި ޕީޕީއެމް އަށްވެސް ލިބިގެންދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"އޭރު އަޅުގަނޑު ތިން ވަނައިގައި އޮތްތަން ފެނުނީމާ ބައެއް ދިމަދިމާ އަށް ފޯކަސް ބަދަލުވީ. ނަމަވެސް އެ ހުރިހާ ފަރާތްތަކުން ވެސް އެނބުރި އަންނަން ފަށައިފި. އަދި ހަމަ އެހެންމެ ޑރ. ވަހީދާ އެކީގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުން ވެސް ގިނަ ރައްޔިތުން ވެސް އަޅުގަނޑުމެންގެ ތެރެއަށް އަތުވެއްޖެ. ޑރ. ވަހީދުގެ ކޮއްކޮ އަލީ ވަހީދު ވެސް އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަން މިރޭ ބައްދަލުކުރައްވާފައި ވިދާޅުވި، އާއިލާގެ ހުރިހާ ބޭފުޅުން ވެސް ވަޑައިގަންނަވާނެ ވާހަކަ" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކުރުމުގެ ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށާއި ނަމަވެސް އިސްލާމީ ގައުމުތަކާއެކު ރަގަޅު ގުޅުންތަކެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި ހާރިޖީ ސިޔާސަތުގައި ބޮޑެތި މައްސަލަތަކެއް ދިމާވީ ރައީސް ނަޝީދު އެއްވެސް ތަޖުރިބާއެއް ނެތި ވެރިކަމާ ހަވާލުވެވަޑައިގެން އަމަލުކުރެއްވި ގޮތުން ކަމަށެވެ.
ގާސިމް އިބްރާހީމް މިރޭގެ ޕްރޮގްރާމްގައި އިތުރަށް ވިދާޅުވީ ދިވެހިރައްޔިތުން "ތަރައްގީ ގައިމު" ކުރަން ބޭނުންވާނަމަ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ދިވެހި ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ގައުމަށް ގެނެސްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ