އަންނަ އަހަރުގެ ބަޖެޓަށް ދިވެހި ރައްޔިތުން ބުނަނީ ނޫނެކޭ: މުއިއްޒު

2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓުގެ 50 އިންސައްތަ އަކީ ދަރަނި ކަމަށާއި، އެ ބަޖެޓަށް އާމްދަނީ ހޯދުމަށް މި ސަރުކާރުން ވިސްނާފައިވަނީ ރައްޔިތުންގެ ބިމާއި، ހަރު މުދާ ވިއްކައިގެން ކަމަށެވެ.މީގެ އިތުރަށް ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުން އެ ބަޖެޓު  ފާސްކުރެވިދާނެ ކަމަށާއި، ނަމަވެސް މި ބަޖެޓަށް ދިވެހި ރައްޔިތުން އާނބަސް ނުބުނާނެ ކަމަށެވެ.އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ. އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް މިދިޔަ މަހުގެ 31ގެ ކުރިން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ، އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދަކީ 34،787،720،151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ކަމަށެވެ. އަމީރު ވިދާޅުވީ އަންނަ އަހަރަކީ ވެސް އާމްދަނީގެ ގޮތުން ތަދު އަހަރެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.މިއަހަރު މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާ ބަޖެޓަށްވުރެ މިބަޖެޓު ކުޑަކޮށްފައިވާނެ ކަމަށާއި އަދި ބަޖެޓު ކުޑަ ކޮށްފައިވީ ނަމަވެސް އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ