ގާސިމް މަރާލިކަމުގެ ތުހުމަތު ކުރެވޭ އަދުހަމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އެއްބަސްވެ، ފަހުން އެކަމަށް އިންކާރު ކުރި އަދުހަމް މުހައްމަދުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 ޖަހާ އިރަށެވެ. އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގާސިމް މަރާލީ ޓެކްސީ ދަތުރެއްކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި އަދުހަމު ހައްޔަރުކޮށްފައިވަނީ، އެމަހުގެ 19 ވަނަ ދުވަހު އެވެ.
އެ މައްސަލައާއި ގުޅިގެން، ހައްޔަރުކުރި، ޅ. ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ އަމިއްލަ އިއުތިރާފާއެކު، އެ މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާއާ ހަމައަށް އައިއިރު، އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ގާސިމްމަރާލިކަމަށް އިންކާރުކޮށްފަ އެވެ.
އެންމެ ފަހުން އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ އުލަތުން އޭނާ އަށް ހަމަޖައްސައިދިން ވަކީލަކީ، އޭނާއާއި އެކު މަސައްކަތް ކުރެވޭނެ ގާބިލްކަން ހުރި ވަކީލެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ އެ ވަކީލާއިއެކު މައްސަލައިގައި ކުރިއަށް ދާން ބޭޏުން ނުވާކަމަށް ބުނެފަ އެވެ.
މައްސަލަ ބައްލަވާ ގާޒީ، އިސްމާއިލް ރަޝީދު ވަނީ އަދުހަމްއަށް އަމިއްލަ ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެ މުހުލަތަށް ވަކީލަކު ހަމަނުޖެހިއްޖެނަމަ، ދައުލަތުން ހަމަޖައްސާ އެހެން ވަކީލަކާއެކު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގާޒީ އެންގެވި އެވެ.
މާލޭގައި ޓެކްސީ ޑްރައިވަރުކަން ކުރާ ގާސިމަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ