ގާސިމް އާއެކު އިތުރު ތިން ފަރާތެއް އެންއައިސީ އަށް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް އާއެކު އިތުރު ތިން ފަރާތެއް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޤާސިމްގެ އިތުރުން އެންއައިސީއަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އާމިނަތު ޝާދިޔާ، އާމިނަތު ޝިއުނާގެ އިތުރުން ޝުއައިބް އަބްދުއްރަހުމާނަށެވެ. އެގޮތުން އެންއައިސީ އަށް ގާސިމް އައްޔަން ކުރަން 51 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
ގާސިމްގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ގާސިމްގެ ނަމެވެ.
ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ މީގެކުރިން ޖަލަށް ވެސް ލައިފައެވެ. އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އެންއައިސީން ހަތަރު މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމާ ގުޅިގެންނާއި، އެ ކޮމިޝަނުގެ އިތުރު ތިން މެމްބަރުން ކަމަށްވާ ހައްސާން ހަމީދު އާއި ހަދީޖާ އަބްދުﷲގެ އިތުރުން އަހުމަދު އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާތިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ