ގާޒީ ބާރީ ވަކިކުރަން މަޖިލީހަށް ފޮނުވައިފި

ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން އެންގުމުން، ގާޒީ ބާރީ ސަސްޕެންޑްކުރީ ޑިސެމްބަރު 12 2019 ގަ އެވެ.ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ގާޒީ ބާރީއަކީ އެ ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ. އޭރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް ވެސް އޭނާ ބެއްލެވި އެވެ. އޭނާ ޖުވެނައިލް ކޯޓަށް 2017 ވަނަ އަހަރު ބަދަލުކުރީ ކުއްލި ގޮތަކަށެވެ.ގާޒީ ބާރީ މަގާމުން ވަކިކުރަން ނިންމިއިރު، ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ބަލައި ސަސްޕެންޑުކޮށްފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގާޒީ މާރީ އާއި މުލްހާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމުމާ ގުޅިގެން ގާޒީ ބާރީ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.އަދި މުލްހާ އެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވަން ނިންމާފައި ވަނިކޮށް އޭނާ އިސްތިފާ ދެއްވާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.ޖޭއެސްސީން ވިދާޅުވީ، މިމައްސަލަތަކުގެ ތަޙްޤީޤު ގެތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ގާޒީ ބާރީ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބާރީ ބައިވެރިވިކަން އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަމަށެވެ.ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޡީ ބާރީއަށް ދީފައިވާކަމާއި، ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ދައްކާފައިވާއިރު، އެފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.ބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީއާ ބެހޭގޮތުން ޖިނާއީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާތީ، ބާރީ މިވަގުތު ހުރީ ސަސްޕެންޑްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ