އުމަރު ކުރި ކަމަށް ބުނާ އަނިޔާގެ ބަދަލެއްގެ ގޮތުން 280 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި

1995 ވަނަ އަހަރު މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އޭރުގެ ބައެއް ސިފައިންގެ އޮފިސަރުން އަނިޔާ ކުރި ކަމަށްބުނެ، އަނިޔާގެ ބަދަލެއްގެ ގޮތުން 280 މިލިއަން ރުފިޔާ ހޯދުމަށް މީހަކު ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
އީސާ މަސީހު (ބެކްބޯން މާހިރު) ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އެކޯޓުން ވަނީ ބަލައިގެންފައެވެ.
މަސީހަށް އަނިޔާކުރި ކަމަށް ބުނެ ހުށަހެޅި ދައުވާގައި ތުހުމަތުކޮށްފައި ވަނީ އޭރު ސާޖެންޓަކަށް ހުންނެވި އުމަރުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު މުނީރާއި އިސްމާއީލް އަތީފާއި އޭރު ސިފައިންގެ ސާޖެންޓެއް ކަމަށްވާ ޖާދުﷲ ނާޒިމްގެ އިތުރުން ލަތީފް ކިޔާ މީހެކެވެ.
މަސީހު ކޯޓަށް ހުށަހެޅި މައްސަލައިގެ ދައުވާގައި ބުނެފައި ވަނީ 1995 ވަނަ އަަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހު މާރާމާރީއެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްސިފައިންގެ ތަހުގީގުގައި އޭނާ އަށް ކުރި އަނިޔާގެ ސަބަބުން އޭނާގެ މައިބަދަ ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނިޔާއިން ލިބުނު ގެއްލުމަށް އެއްވެސް ފަރުވާއެއް ނުކޮށް 12 ދުވަސް ވަންދެން ބަންދުގައި ބަހައްޓި ކަމަށްވެސް މައްސަލައިގެ ދައުވާގައި ވެއެވެ.
އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޑިފެންސް މިނިސްޓްރީގެ އެހީގައި ލަންކާއަށް ގޮސް ފަރުވާ ކުރިނަމަވެސް ރަނގަޅުކުރެވިފައި ނުވާ ކަމަށް މަސީހް ވަނީ ބުނެފައެވެ.
މަސީހު ބުނެފައި ވަނީ ބަދަލު ހޯދުމަށް މީގެ ކުރިން އޭނާ ކުރި މަސައްކަތްތަކަށް ރައީސް އޮފީހުންނާއި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އިޖާބަދީފައި ނުވާ ކަމަށެވެ. އަދި ބަދަލު ހޯދުމަށް ކުރި މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އޭނާއަށް ބިރު ދެއްކުމާ ގުޅިގެން 2004 ވަނަ އަހަރުން ފެށިގެން ގިނަ އަހަރުތަކެއް ވަންދެން އިނގިރޭސިވިލާތުގެ ހިމާޔަތުގައި ރާއްޖޭން ބޭރުގައި އުޅެން ޖެހުނު ކަމަށްވެސް މަސީހް ހުށަހެޅި ދައުވާގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ