މެދުއިރުމަތީގެ ގައުމުތަކުގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެއްޓުމަށް ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތަށް ނިސްބަތްވާ 17 މީހަކު ސައުދީ އަރަބިއްޔާއިން ހައްޔަރުކޮށްފި އެވެ.
މި 17 މީހުން ހައްޔަރުކޮށްފައިވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި ސައުދީން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައެވެ. އައިއެސްއާއި ގުޅުން ހުރި ކަމަށް ބެލެވޭ މި 17 މީހުންނަކީ ތިން ގްރޫޕަކަށް ނިސްބަތްވާ މީހުން ކަމަށް ސައުދީން ބުނެ އެވެ.
ސައުދީން ހާމަކުރާގޮތުގައި ހައްޔަރުކޮށްފައިވާ މީހުން ދިޔައީ ހަތަރު ޖަރީމާއެއް ހިންގުމަށް ރާވަމުންނެވެ. އެގޮތުން އާއްމުންގެ ތެރޭގައި ޖާނުންފިދާވެ ހަމަލާތަކެއް ދިނުމަށާއި ދީނީ އިލްމުވެރިންނަށް ހަމަލާ ދިނުމަށާއި އަސްކަރިއްޔާއަށް ހަމަލާ ދިނުމަށް އެމީހުން ދިޔައީ ރާވަމުންނެވެ.
ހައްޔަރުކުރި 17 މީހުންގެ ތެރޭގައި ހިމެނެނީ ސައުދީއަށް ނިސްބަތްވާ 13 މީހަކާއި މިސްރަށް ނިސްބަތްވާ މީހަކާއި ޔަމަނަށް ނިސްބަތްވާ މީހެއްގެ އިތުރުން ފަލަސްތީނަށް ނިސްބަތްވާ މީހެކެވެ. އަދި މި މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށްވެސް ސައުދީން ހާމަކުރެ އެވެ.
މި 17 މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންތަކުގައި 20 ކިލޯގެ ގޮވާތަކެއްޗާއި ގޮވާ ބެލްޓާއި ބައެއް ހަތިޔާރާއި ގިނަ އަދަދެއްގެ ސައުދީ ފައިސާ ހޯދާފައި ވެ އެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ މި 17 މީހުންގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އައިއެސްއާއި ގުޅުން އޮތް ކަމަށް ބެލެވޭ 17 މީހަކު ސައުދީން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ