ރަން ޔޫބީލު ހަރަކާތްތަކުގައި ރައްޔިތުން ބައިވެރިވުން މުހިންމު - ރައީސް

މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލު އަހަރު ކަމަށްވާތީ ރަން ޔޫބީލު ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރަން ޔޫބީލު ހަރަކާތްތައް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކަމަށެވެ.
އަދި މިފަދަ ގައުމީ މުނާސަބަތެއް ފާހަގަ ކުރަމުންދާއިރު، މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން، ސަރުކާރުން ކުރިއަށް މިގެންދާ ކަންކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެން، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވައި، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް، ކުލަގަދަ ރަންޔޫބީލަކަށް ހައްދަވައި ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ހިންގަން ސަރުކާރުން ރާވާފައިވާއިރު، މި ކަން ވިލަރެސް ކުރުމަށް މިނިސްޓަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ކޯޗެއާ ކަން ކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މޮންދު) އެވެ. އަދި މި މަސައްކަތް ހޯމް މިނިސްޓްރީގެ ފަރާތުން އިސްވެ ކުރައްވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމްއެވެ.
މިނިވަން 50 ފާހަގަކުރުމަށް ބޭރުގެ އެކުވެރި ގިނަ ގައުމުތަކުގެ ވެރިން މިއަހަރު އެކި މުނާސަބަތުތަކުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ