ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހެލްތު މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު ކަމުގެ މަގާމު ގަބޫލުފުޅު ކުރެއްވުމަށް ނިންމެވި ނިންމެވުމަށް ތާއީދު ނުކުރައްވާ ކަމަށް އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އެމަނިކުފާނު ދަރިކަނބަލުން ދުންޔާ މައުމޫން އައްޔަންކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުންޔާ އަނބުރާ ސަރުކާރަށް ދިއުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. އަދި ދުންޔާގެ އެ ނިންމެވުމަށް ތާއީދު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ދުންޔާ އަނބުރާ ސަރުކާރަށް ދިއުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް. އަޅުގަނޑު އެކަމަކަށް ތާއީދެއް ނުކުރަން،" ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރާއި ރައީސް މައުމޫނާއި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައި ވަނިކޮށް ދުންޔާ މައުމޫން ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއިމެދު އުފެދުނު ހިޔާލް ތަފާތުވުންތަކާއި ގުޅިގެން ކަމަށް އެކަމަނާ ކުރިން ވިދާޅުވެފައިވެ އެވެ. އެދުވަސްވަރު ޔުމްނާ މައުމޫން ވެސް ވަނީ ސަރުކާރުން އިސްތިއުފާދެއްވާފަ އެވެ. އަދި ރައީސް މައުމޫން ވަނީ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާ ރައީސް އަބުދުﷲ ޔާމީން ވެރިކަން ކުރައްވަމުން ގެންދަވާ އުސޫލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފަ އެވެ. މީގެ އިތުރަށް ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫންވެސް މަޖިލީހުގައި ފަހަކަށް އައިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާއި ވަކިންނެވެ.
ވަޒީރުކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު ހެލްތު މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު ކަމުގެ މަގާމާއި ދުންޔާ ހަވާލްވެވަޑައިގަތުމާއި ގުޅިގެން އެކަމަނާގެ އެއްމާބަނޑު ކޮއްކޯފުޅު ޔުމްނާ މައުމޫން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޔުމްނާ ވިދާޅުވީ ދުންޔާގެ ނިންމެވުމަކީ އެކަމަނާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށާ ނަމަވެސް އެ ނިންމެވުމުގެ ސަބަބުން ޔުމްނާގެ ސާބިތު ކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެކަމަނާ ހުންނަވާނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ސާބިތުކަންމަތީ ހައްގުގެ މަގުގައި ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ކުއްލިގޮތަކަށް ސަރުކާރާއިއެކު އަލުން މަސައްކަތް ކުރައްވަން ފެއްޓެވި ވަކި ސަބަބެއް ދުންޔާ ހާމަކުރައްވާފައި ނުވިނަމަވެސް ވަޒީރުކަމުން އިސްތިއުފާދެއްވި ފަހުން ދުންޔާވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.
ދުންޔާގެ ނިންމެވުމަށް ތާއީދެއް ނުކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ