ސުޕްރީމް ކޯޓުގެ އަމުރުގައި ހުރި "އޮޅުންތައް" ސަރުކާރުން ސާފުކުރަނީ
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނާ ކަންކަން ސާފުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ. ރައީސް އޮފީހުގެ ބައިނަލްއަގުވާމީ ތަރުޖަމާނު އިބްރާހިމް ހުސައިން ޝިހާބު މިރޭ ސޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައިވާ ބައެއް ކަންކަން ސާފުކުރަމުން ގެންދާ ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ، އެ އަމުރުގައި ގާނޫނު އަސާސީއާއި ޖިނާއީ އިޖުރާއަތްތަކާ ބެހޭގޮތުން މުހިންމު ނުކުތާތަކެއް ފާހަގަކޮށްފައި އޮތް ނަމަވެސް، އަމުރު ނެރުނީ ދައުލަތުގެެ އެއްވެސް ތަމްސީލުކުރުމެއް ނެތި ކަމަށެވެ. އެގޮތުން، އަމުރު ނެރުނީ އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ބައިވެރިވުމެއް ނެތި ކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސް އޮފީހުގެ ބައިނަލްއަގުވާމީ ތަރުޖަމާނު ވިދާޅުވީ، ސުޕްރީމް ކޯޓާ ވާހަކަ ދައްކައި، އެ ކޯޓުގެ ލަފާގެ މަތިން އަދި ގާނޫނީ ހުކޫމަތާ އެއްގޮތަށް އަމުރާ ގުޅޭ ކަންކަން ދިވެހި ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރޭ ނެރުނު ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި، އަދި ހައްޔަރުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް އަމުރުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ