ބުރިޖުގެ ހަގީގީ ޝުކުރާ ހައްގުވަނީ މައުމޫން، ނަޝީދު، ވަހީދަށް، ޔާމީން އުޅުއްވީ ފައިސާ ގުނުއްވުމުގައި: އަދީބް

ސިނަމާލެ ބުރިޖް ހުޅުވާއިރު އެ ބުރިޖުގެ ހަގީގީ ޝުކުރާއި، ތައުރީފް ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަހީދަށް ނިސްބަތްކުރުމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އެދިވަޑައިގެންފިއެވެ.
އަދީބް މިކަމަށް އެދިވަޑައިގެން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގޭ ގާނޫނުތަކާ ޚިލާފަށް ބޭއިންސާފުން ޝަރީއަތްކޮށް، ޖަލަށްލާފައި ވަނީ ސަރުކާރުންކުރި ހުރިހާ ވައްކަންތަކާއި، ޖަރީމާތައް އެމަނިކުފާނުގެ ބޮލުގައި އަޅުވައި، ހުރިހާ ގައުމީ ޚިދުމަތްތަކުގެ ކުރެޑިޓް ރައީސް ޔާމީން ނެންގެވުމަށްކަމަށެވެ. ރައީސް ޔާމީން ގެންދަވަނީ އަދީބުގެ އިތުރުންވެސް އެތައް ބަޔަކު ކޮށްފައިވާ ގައުމީ ޚިދުމަތްތަކުގެ ކުރެޑިޓް އަމިއްލަފުޅަށް ނަންގަވައި، ރީތި ނަން ލިބެންޖެހޭނީ ހަމައެކަނި އެ މަނިކުފާނަށް ކަމަށް ދައްކަވަމުންކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިއަދު ދިވެހިރާއްޖޭގައި ހެދެމުންދާ ރިސޯޓުތަކާއި، އަދި ނިމިފައިވާ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރީ ސީދާ އަދީބުކަން ފާހަގަކުރައްވާ އެބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން އުޅުއްވީ ޑޮލަރު ޗެކް މާރުކުރުމާއި، ފައިސާ ގުނުއްވުމުގައިކަމަށާ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތައް އަހަރެއްގެ ތެރޭގައި 172 ފަހަރު ބޭއްވުނުއިރު އެންމެ ބައްދަލުވުމެއްގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައިނުވާއިރު އެއިން ބައްދަލުވުމެއް ބާއްވާއިރު ބޯވެސް ދިއްކޮށްލާފައެއް ނުވާކަމަށެވެ.
މާލެއާއި ހުޅުލެއާ ދެމެދު ބުރިޖު އެޅުމުގެ ވިސްނުމަކީ ރައީސް އިބްރާހީމް ނާސިރުގެ ދައުރުން ފެށިގެން އޮތް ވިސްނުމެއްކަމަށާ ރައީސް މައުމޫން މޫންބޭ މެރީނާ ނަމުގައި މި ބުރިޖް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެމަނިކުފާނުގެ ދައުރުގެ ފަހުކޮޅުގައި ކުރައްވާފައިވާއިރު، އެ ބުރިޖްގެ އިންޖިނައަރިންގއާއި، އޮޕްޝަންސްތަކުގެ އިތުރުން ތިލަފުށި، ވިލިމާލެ، ހުޅުމާލެއާއި ބުރިޖުން ގުޅުވާލަން ހަދާފައިވާ ޕްލޭންތައް ހުރީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފުރިހަމަކޮށްފައިވާކަމަށެވެ. އަދި ރައީސް ވަހީދުގެ ސަރުކާރުގައި އެމަނިކުފާނާއެކީ ޗައިނާއަށް ކުރި ދަތުރުތަކުގައި ޗައިނާ ސަރުކާރާއެކު ބުރިޖުގެ ވާހަކަތައް ދެކެވި، ޗައިނާ ސަރުކާރާއި، ޗައިނާގެ އެކްސްޕާޓުންގެ ރުހުން އެކަމަށް އޮތީ ލިބިފައިކަމަށް އަދީބް ވިދާޅުވިއެވެ.
ރައީސް ވަޙީދުގެ ވެރިކަމުގައި، އެ ސަރުކާރުންނާއި، އޭގެ ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތައް ފެނިފައިވާތީ، އެ މައުލޫމާތުތަކުގެ އަލީގައި، ބުރިޖް އެޅުމުގެ ޕްރޮޖެކްޓް، 2013 ގެ ރިޔާސީ ވައުދެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމެނީ ރައީސް މައުމޫންގެ ލަފާފުޅުގެ މަތީންކަމަށާ ރައީސް ޔާމީން ބުރިޖް ކަންތައް ނެންގެވީ ވޯޓު ހޯދުމަށްޓަކައި، ރިސޯޓު މުވައްޒަފުންނަށް ހިއްސާ ދޭނޭކަމަށްވީ ވައުދު ފަދަ ވައުދެއްގެ ގޮތުގައިކަމަށް އަދީބް ވިދާޅުވިއެވެ. އަދި ބުރިޖުގެ އަމަލީ މަސައްކަތް ފުރިހަމަކުރަން ފެށުމާ ހަމައަށްވެސް، ބުރިޖު އެޅިދާނޭ ކަމަށް ރައީސް ޔާމީން ގަބޫލެއް ނުކުރައްވާކަމަށާ ބުރިޖުގެ ވިސްނުން، އޮނަރަބަލް ގާޤާސިމް އިބްރާހީމް 2008 ގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ހުށަހެޅުމުން، އެއީ ނުވާނޭކަމެއްކަމަށް އާންމުކޮށް ވިދާޅުވެ ރައީސް ޔާމީން ވަނީ އޭރުވެސް އެކަމަށް ހަޖޫޖަހާފައިކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައިއެވެ.
ޗައިނާ ސަރުކާރާއެކު ބުރިޖުގެ މަޝްވަރާތައް ކުރަމުން ގެންދިޔައިރު، ރައީސް ޔާމީން ވަނީ ދެ ފަހަރެއްގެ މަތީން އެ މަޝްވަރާތައް ހުއްޓުވައި، ރައީސް ޔާމީން ބޭފުޅުވާ، ވަރަށް އާދައިގެ ކުންފުންޏަކާ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިކަމަށާ ނަމަވެސް ދޫ ނުދީ، ރައީސް ޔާމީންއާ ޒުވާބުކޮށް، ޕްރޮޖެކްޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކު ނެގުން ޗައިނާ ސަރުކާރާ ހަވާލުކުރުވީ އަދީބުކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެެވެ.
"ފިނިފެންމާ ލޯންޗު ޑުރާމާއަށްފަހު، އެ ކަމަކީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް އަޅުުގަނޑު ދިން ހަމަލާއަކަށް ހަދައި، އެކަން އަޅުގަނޑުގެ ބޮލުގައި އެޅުވުމަށް ހުރިހާ މަސައްކަތްތަކެއް ކުރަމުންދިޔަ ވަގުތުވެސް، ޗައިނާ ސަރުކާރުން ދީފައިވާ ދައުވަތަށް ޗައިނާގެ ރައީސްއާ ބައްދަލުކުރަން ދިޔައީ ސީދާ އަޅުގަނޑެވެ. އަޅުގަނޑުގެ ސަލާމަތަށްޓަކައި އެވަގުތަށް އެ ދަތުރު ކެންސަލްއެއް ނުކުރަމެވެ. އަޅުގަނޑު އިސްކުރީ އަޅުގަނޑުގެ ގައުމީ ވާޖިބެވެ. އެ ދަތުރު ނިންމައި، އަޅުގަނޑު ރާއްޖެއައީ ބުރިޖާއި، އެއަރޕޯޓު މަޝްރޫޢުގެ ހުރިހާ ކަމެއް ހަމަޖައްސައި ނިންމާފައެވެ." އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"ނަތީޖާއަކީ ބުރިޖް މިއަދު ނިމި ހުޅުވުމެވެ. އަޅުގަނޑު ޖަލަށްލީ ފަހުން އެންމެ މެގަ ޕްރޮޖެކްޓެއްވެސް ކުރިއަށް ނުގެންދެވި އެސްއީޒެޑްގެ ޕްރޮޖެކްޓުގެ އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅަން ނޭނގި، އައިހެވަން ޕްރޮޖެކްޓާއި، އެހެން ޕްރޮޖެކްޓްތަކާއި، ފަހަތްޕުޅުގައި ތިއްބެވި މަޖިލިސް މެންބަރުންކޮޅުވެސް ގެއްލި، ރައީސް ޔާމީން ޕްރޮމޯޓުކުރުމަށް އެމަނިކުފާނުގެ ނަމުގެ ފަހަތަށް އަޅުގަނޑުގެ މަސައްކަތުން އިތުރުކޮށްދިން "އިކޮނޮމިސްޓް" ގެ ލަގަބު އެއީ މި ގައުމުގައި ހިނގި ޝަޚުސު އޮޅުވާލުމުގެ އެންމެ ބޮޑު ޖަރީމާކަން ރައްޔިތުންނަށް ފަޅާއަރާ، މި ސަރުކާރު ސިޔާސީ ގޮތުން ފަޟީހަތްވީއެވެ." އަދީބުގެ ބަޔާނުގައި ވިދާޅުވެފައެވެ.
މި ބުރިޖަކީ ރައީސް ޔާމީންއަށް ވޯޓެއް ދޭންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވާ އަދީބް ވިދާޅުވީ މިއީ ޗައިނާގެ ރައްޔިތުންނާއި، ޗައިނާގެ ސަރުކާރުން ދިވެހިރާއްޖޭގައި ކޮށްފައިވާ އެ ގައުމުގެ އިންވެސްޓްމަންޓެއްކަމަށެވެ. މި ބުރިޖާ ގުޅުވައި، ހަނދާންކުރަންޖެހެނީ މި ބުރިޖު އެޅިފައިމިވަނީ އަދީބު ޖަލަށްލުމުގެ ކުރިން ވެފައިވާ އެއްބަސްވުމުގެ ބޭރުން ބޭކާރު އެތައް ޚަރަދެއް ފަހުންކޮށް، އިސްރާފް ބޮޑުކޮށް ކަމަށާއި މިއީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި، ވައްކަމާއި، ކޮރަޕްޝަން އަބަދުމެ ދިވެހިންނަށް ހަނދާންކޮށްދޭނޭ އަދި ތާރީޚުގައި ރައީސް ޔާމީނާ ގުޅޭ ގޮތުން ލިޔެވޭ ކަޅު ސަފުހާތަކަށް އަބަދުމެ ވާސިލުކޮށްދޭނޭ ދާލައެއްކަމަށްވެސް އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"މިރޭ، ހަވާއަރުވައި، ބުރިޖް ހުޅުވާއިރު، އަޅުގަނޑުވެސް ބުރިޖުގެ އަރިމަތީގައި މިއޮތް ދޫނިދޫގައި ސިމެންތި އައްޓެއް މަތީ އޮތްކަން ދިވެހިރައްޔިތުން ހަނދާކުރުމަކީ އަޅުގަނޑުގެ އިލްތިމާސެކެވެ. އަޅުގަނޑުގެ ބަލިހާލަށް ނުބަލައި، ބޭސްފަރުވާގެ ހައްގު ހިފަހައްޓައިގެން ދެމުން ގެންދާ އަނިޔާގައިވެސް އަޅުގަނޑު މިހުރީ ދެގޮތެއްނުވެ ދިވެހި ރައްޔިތުންނާއެކުގައެވެ. އިރާދަކުރެއްވިއްޔާ މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކޮށް، އަނިޔާ ލިބެމުން ގެންދާ ހުރިހާ ބޭފުޅުން ސަލާމަތްކުރުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހިރައްޔިތުންނާއި، ސިޔާސީ ލީޑަރުން ކުރައްވާނޭކަމަށް އަޅުގަނޑު ޔަގީންކުރަމެވެ. އަޅުގަނޑު މިރޭ ހޭދަކުރާނީ ހަވާ އަރުވާ މަންޒަރު ނުފެނުނު ނަމަވެސް އެ އަޑު އެހުމުގައެވެ. އެއީ އަންނަންއުޅޭ ހެޔޮ އިންގިލާބުގެ އަޑު ކަމުގައި ދެކިގެންނެވެ." އަދީބުގެ ބަޔާން ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ